ޔަހޫދީ ދައުލަތަށް ނިސްބަތްވާ ހަތަރު މީހެއްގެ ހަށިގަނޑު ހަވާލުކޮށްފި


20 ފެބްރުއަރީ 2025 - 16:40
ޙަމާސުން އަސީރުންގެ ގޮތުގައި ގެންދިޔަ ޔަހޫދީ ދައުލަތަށް ނިޞްބަތްވާ ހަތަރު މީހެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފިއެވެ.2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.
ސަންދޯއްތައް ބަހައްޓާފައި ހުރި ސަރަޙައްދުގައި ޙަމާސުން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސޫރަ ބިރުވެރި ސިފަޔަކަށް ކުރަހާފައިވާ ބޮޑު ޕޯސްޓަރެެއް ހަރުކޮށްފައެވެ. އެ ޕޯސްޓަރުގައި މަރުވި އަސީރުންގެ ފޮޓޯ ވެސް ޖަހާފައި ވެއެވެ. ހަތަރު އަސީރުން މަރުވީ ނަތަންޔާހޫގެ ސަބަބުން ކަމަށް އެ ޕޯސްޓަރުގައި ލިޔެފައި ވެއެވެ.ޙަމާސްގެ ތަރުޖަމާނަކު ބުނީ ހަތަރު އަސީރުން ވެސް ދިރި ތިއްބާ އެ މީހުން ބައިތިއްބާފައި ތިބި ސަރަޙައްދަށް ޔަހޫދީން ގަސްތުގައި ބޮން އަޅާފައިވާ ކަމަށެވެ. އެ މީހުން މަރުވީ އެ ޙަމަލާތަކުގެ ސަަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަރުވި އަސީރުންގެ ޢާއިލާއާ މުހާތަބު ކޮށް ޙަމާސުން ބުނީ އެ ޖަމާޢަތުން ވެސް އެދުނީ އަސީރުން ދިރިތިބި ޙާލުގައި ޢާއިލާތަކާ ޙަވާލު ކުރުމަށް ކަމަށެވެ. ނަމަވެސް އެ މީހުން ހެޔޮ ޙާލުގައި އަނބުރާ ގެނައުމުގެ ބަދަލުގައި ޔަހޫދީ ސަރުކާރާއި ފައުޖުން ނިންމީ އެ މީހުން މެރުމަށް ކަމަށް ޙަމާސުން ބުންޏެވެ.
15 މަސް ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު ހުސްވި ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ.
އިތުރު ލިޔުންތައް

ޔަހޫދީން މަސައްކަތް ކުރަނީ ހޫޘީންނަކީނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައެޅުމައް
4 މަސް ކުރިން
ޞަންޢާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ހޫޘީން އެމެރިކާއަށް އިންޒާރު ދީފި
4 މަސް ކުރިން
ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި
3 މަސް ކުރިން