ފެތުމުގެ ޤައުމީ ރެކޯޑް މިރާލް އާއި ޢުލްޔާ އާކޮށްފި
.png&w=3840&q=75)
ފެތުމުގައި މިރާލް އާއި ޢުލްޔާ އާކޮށްފައިވާ ރެކޯޑްތައް. ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

22 ފެބްރުއަރީ 2025 - 15:03
ފެތުމުގެ ޤައުމީ ރެކޯޑްތަކެއް މިރާލް އާއި ޢުލްޔާ އާކޮށްފިއެވެ. އެގޮތުން މިރާލް އާކޮށްފައިވަނީ އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑާއި، އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑެވެ. އަދި ޢުލްޔާ އާކޮށްފައިވަނީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑާއި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑެވެ.
އަންހެނުން ގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޝާދުއެވެ. އެއީ މިދިޔައަހުރުގައި ލަންކާގައި ބޭއްވުނު އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 02:49.55 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިފަހަރު މިއިވެންޓުގެ ރެކޯޑް މިރާލް އާކޮށްފައިވަނީ ޔޫކޭ ގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި 02:45.93 އިން ރޭސް ނިންމައިގެންނެވެ. މިމުބާރާތުގައި މިރާލް ވަނީ އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑްވެސް 05:49.59 އިން ރޭސް ނިންމައިގެން އާކޮށްފައެވެ. މިރިކޯޑް އެންމެފަހުން އާކޮށްފައިވަނީ މިދިޔަ އަހަރުގައި ޢީން އައްބާސް ޝަރީފް އެވެ.
ފެތުމުގައި މިރާލް އާއި ޢުލްޔާ އާކޮށްފައިވާ ރެކޯޑްތައް. ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
މީގެއިތުރުން އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސް ގައި ރާއްޖޭގެ ފެތުންތެރިޔާ ޢާއިޝަތު ޢުލްޔާ ޝާއިޤް ވަނީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް00:28.64 އިން ރޭސް ފުރިހަމަކޮށްގެން އާކޮށްފައެވެ. މިއިވެންޓުގެ އެންމެ ފަހުގެ ރެކޯޑް އޮތީވެސް އުލްޔާ އަތުގައެވެ. މީގެއިތުރުން މިމުބާރާތުގައި ޢުލްޔާ ވަނީ އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް 00:34.18 އިން ރޭސް ފުރިހަމަކޮށްގެން އާކޮށްފައެވެ. މިއިވެންޓުގެ އެންމެ ފަހުގެ ޤައުމީ ރެކޯޑް އޮތީ 00:34.32 އާއެކު އައިޝަތު ޝައުސަން އަތުގައެވެ.