ހަމްނާ ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފި
17 އޭޕްރީލު 2025 - 05:22

ހަންގޭރީގައި ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ދިވެހި ފެތުންތެރިޔާ ހަމްނާ އަޙްމަދު އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލައިފިއެވެ.
ހަމްނާ މި އާ ރެކޯޑު ގާއިމުކޮށްފައިވަނީ އެއް މިނެޓާއި 23.38 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މީގެ ކުރިން އޮތް ރެކޯޑަށްވުރެ 1.27 ސިކުންތު އަވަސް ދުވެއްޔެކެވެ.

Ad by Hajj Corporation
މި އިވެންޓުގެ ކުރީގެ ގައުމީ ރެކޯޑު ހިފަހައްޓާފައިވަނީ އައިޝަތު ސާޖިނާއެވެ. ސާޖިނާ މި ރެކޯޑު ގާއިމުކުރީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް، އެއް މިނެޓާއި 24.65 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހަމްނާގެ މި ކާމިޔާބީއާއެކު، މިހާރު އޭނާ ވަނީ ދިވެހި ފެތުމުގެ ތާރީޚުގައި އައު ސަފުހާއެއް ލިޔެފައެވެ. އަދި މި ކާމިޔާބީއަކީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.


