ތަޒްކިޔާ އާއި މިރާލް ފެތުމުގެ އެކި އިވެންޓްތަކުން ޤައުމީ ރެކޯރޑް އާކޮށްފި
28 ޖުލައި 2025 - 07:09
(1).png&w=1080&q=75)
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ 01:13.49 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ކުރީގެ ޤައުމީ ރެކޯޑު އޮތީ ހަމްނާ އަޙްމަދުގެ ނަމުގައެވެ. އޭނާ މި ރެކޯޑު ހާސިލުކޮށްފައިވަނީ މިދިޔަ 2024 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 01:17.69 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

Ad by Hajj Corporation
މީގެއިތުރުން ފެތުންތެރިޔާ މިރާލް ޢައިން ލަތީފްވެސް އިއްޔެ ވަނީ އަންހެނުންގެ ލޯންގކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފައެވެ.
މިރާލް ޢައިން ލަތީފް
މިރާލް މި އިވެންޓު ނިންމާފައިވަނީ 2 މިނެޓާއި 44.34 ސިކުންތުންނެވެ. މި އިވެންޓުގެ ކުރީގެ ޤައުމީ ރެކޯޑު ވެސް އޮތީ މިރާލްގެ އަތުގައެވެ. އެ ރެކޯޑު މިރާލް ހާސިލުކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ބޭއްވުނު ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައެވެ. އެ މުބާރާތުގައި މިރާލް ރޭސް ނިންމާފައިވަނީ 2 މިނެޓާއި 45.93 ސިކުންތުންނެވެ.


