ލަންކާގެ އާރުގަމް ބޭ ސީރީޒްގެ އޯޕަން އަންހެން ޗެމްޕިއަންކަން 9 އަހަރުގެ އާލިޔާ ހޯދައިފި
14 ސެޕްޓެމްބަރު 2026 - 17:30

ސާފިން ފެޑެރޭޝަން އޮފް ސްރީ ލަންކާ (އެސްއެފްއެސްއެލް) އިން އިންތިޒާމުކޮށްގެން ބޭއްވި އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026 - އާރުގަމް ބޭ ސީރީޒްގެ އޯޕަން އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އުމުރުން 9 އަހަރުގެ އާލިޔާ ލަތީފް ހޯދައިފިއެވެ.
ސްރީ ލަންކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތުލީޓުން ވާދަކުރި މި މުބާރާތުން ރާއްޖޭގެ އަންހެން ގައުމީ ޓީމުގައި ހިމެނޭ އާލިޔާ މި ހޯދީ ތާރީޚީ ބޮޑު ކާމިޔާބީއެކެވެ.

Ad by Hajj Corporation
އާލިޔާ މި ޝަރަފުވެރި މަގާމު ހޯދީ މި ކެޓަގަރީގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު، ލަންކާގެ މިހާރުގެ ޖޫނިއާ ޗެމްޕިއަން އެމްޑީ ސަޔޫނީ އަންޖަނާ ބަލިކުރުމަށް ފަހުގައެވެ. އަންޖަނާއަކީ އާލިޔާއަށް ވުރެ އުމުރުން ދޮށީ އަދި ތަޖުރިބާގެ ގޮތުން ވެސް ކުރީގައި އުޅޭ އެތުލީޓެކެވެ. މި މުބާރާތުގެ ދެވަނަ އަންޖަނާއަށް ލިބުނުއިރު، ތިންވަނަ ހޯދީ ސްވިޒަލޭންޑްގެ އެސޯސިއޭޝަން ރާޅާއެޅުމުގެ މުބާރާތުގައި ދާދިފަހުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެ ގައުމުގެ ކެމީލް އެޓާއެވެ.

މި ކާމިޔާބީއަކީ ދިވެހި އެތުލީޓް އާލިޔާގެ ރާޅާއެޅުމުގެ ހަޔާތުގައި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް އެވެ. މީގެ ކުރިން، 2025 ވަނަ އަހަރު ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބޭއްވި ފުރަތަމަ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ 18 އަހަރުން ދަށުގެ އަންހެންބައިގެ ފައިނަލް ހީޓުގައި ވާދަކޮށް 10.23 ޕޮއިންޓް ހޯދައިގެން، އުމުރުން އެންމެ 8 އަހަރުގައި އާލިޔާ ވަނީ އެ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
"ލިޓްލް ސޯލްޓް ވޯޓާ ޕްރިންސެސް" ގެ ނަމުން މަޝްހޫރުވެފައިވާ އާލިޔާ ރާޅާ އަޅަން ފަށާފައިވަނީ އުމުރުން އެންމެ ތިން އަހަރުގައެވެ. އާލިޔާގެ މަންމައަކީ ވެސް ރާޅާއެޅުންތެރިއެކެވެ.


