ފެތުމުގެ ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ފެތުމުގެ ޤައުމީ ރެކޯޑް އުލްޔާ ވަނީ އާކޮށްފައި. ފޮޓޯ: ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް

07 މާރިޗު 2025 - 12:13
އަންހެނުންގެ ލޯންގކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އާކުރުމުގައި ޢާއިޝަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ. އޮސްޓްރޭލިއާގައި ބޭއްވުނު ޔޫ.ޑަބްލިއު.އެސް.ސީ ކްލަބް ނައިޓް ނަންބަރު 5 ގައި ޢުލްޔާ މި ރެކޯޑު އާކޮށްފައިވަނީ 01:04.32 ގައި ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ކުރީގެ ޤައުމީ ރެކޯޑު ހިފަހައްޓާފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދެވެ. އޭނާ މި ރެކޯޑު ހާސިލުކޮށްފައިވަނީ މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވުނު އެ ޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 01:05.03 އިން ރޭސް ނިންމައިގެންނެވެ.
ޢުލްޔާގެ މި ކާމިޔާބީއާއެކު، އޭނާ ވަނީ ކުރީގެ ރެކޯޑަށްވުރެ 0.71 ސިކުންތު އަވަސްކޮށްފައެވެ. މިއީ ދިވެހި ފެތުމުގެ ކުޅިވަރަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ސްވިމިންގ ކްލަބްގެ މި މުބާރާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ މުބާރާތެއް ކަމަށްވުމާއެކު، ޢުލްޔާގެ މި ކާމިޔާބީއަކީ ދިވެހި ފެތުންތެރިންގެ ޤާބިލުކަން ދައްކުވައިދޭ ރަން އަކުރުން ލިޔެވިގެންދާނެ ކާމިޔާބީއެކެވެ.