logo
ޚަބަރު

އައިސީޖޭ އަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފި

އާމިނަތު ޝަފާ
2 މާރިޗު 2025 - 08:04
އައިސީޖޭ އަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފި

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް އޭޖީ އޮފީހުން ބުނީ މި މައްސަލައަކީ، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (ޔޫ.އެން.އާރު.ޑަބްލިއު.އޭ.) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ. އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި، އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ބައެއް މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައި ވާނެއެވެ. އަދި އ.ދ. ގެ މެންބަރެއްގެ ޙައިޞިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫ.އެން.އާރު.ޑަބްލިއު.އޭ. ގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްޞީލުކޮށް، ޔޫ.އެން.އާރު.ޑަބްލިއު.އޭ. ގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އަސާސީ ޙައްޤުތަކުން މަޙުރޫމްވެ، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާ ކަމާއި، އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވަނީ އަރުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެޚަބަރު | 13 ދުވަސް ކުރިންއާރްޑީސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ބޮޑެތި މައްސަލަތަކެއް!ޚަބަރު | މަހެއް ކުރިންއައިސީޖޭ އަށް ރާއްޖެއިން ރަސްމީ ބަޔާން ހުށަހަޅައިފިޚަބަރު | 6 މަސް ކުރިން ބަދަލުގެ ނަމުގައި ބަހާލީ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަބަރު | 8 މަސް ކުރިން