އެންމެ ގިނައިން ވާރޭ ވެހުނީ ކ. ދިއްފުއްޓަށް

02 މާރިޗު 2025 - 17:47
އިއްޔެ ކުރި ވިއްސާރާގައި ކ. ދިއްފުއްޓަށް ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މިގޮތުން މެޓް އޮފީސް އުފެދި، މޫސުމީ މައުލޫމާތުތައް އެއްކުރަން ފެށި ފަހުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އިއްޔެ ކ. ދިއްފުއްޓަށެވެ.
މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ. މީގެ އިތުރުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި ހުޅުމާލެ (185.2 މިލިމީޓަރު)، ފ. ނިލަންދޫ (178.2 މިލިމީޓަރު)، ހުޅުލެ (177.2 މިލިމީޓަރު) އަދި ބ. ގޮއިދޫ (166.3 މިލިމީޓަރު) ހިމެނެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ވަނީ މާލޭގެ އިތުރު ބައެއް ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.