logoEN
ޚަބަރު

އޮސްޓްރޭލިއާ އެވޯޑް ސްކޮލަރޝިޕަށް ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

07 މާރިޗު 2025 - 06:38

އޮސްޓްރޭލިއާ އެވޯޑް ސްކޮލަރޝިޕަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި 2026 ވަނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 30 އޭޕްރީލް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަން އިން ވަނީ އަންގަވާފައިވާ ކަމަށެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި ހެލްތް އިންޝުރެންސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދޭނެ ކަމަށެވެ.

މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. އަދި www.australiaawardsmaldives.org އިން ވެސް މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށާއި

ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްސް ފޯ މޯލްޑިވްސްއަށް ދިނުމަށް ހަމަޖެހިފައިވަނީ އިފެކްޓިވް އެންޑް އެކައުންޓަބަލް ސްޓޭޓް އަދި ރެސިލިއަންޓް ކޮމިއުނިޓީ އެންޑް ސްޓޭޓްގެ އިސްކަންދޭ ޑިވެލޮޕްމަންޓް ދާއިރާތަކުން މާސްޓާސް ޑިގްރީ ސްޓަޑީ ޕްރޮގްރާމް ތަކަށެވެ.ފޯމު ހުށަހެޅުމުގެ މަރުހަލާއަކީ ދެފުށް ފެންނަ އަދި ވާދަވެރި މަރުހަލާއެއް ކަމުން، ޖިންސަކަށް، ނަސްލަކަށް ނުވަތަ ނުކުޅެދުންތެރިކަމަށް ބެލުމެއް ނެތި، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދެ އެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ތަރައްޤީގެ އެހީތެރިކަމުގެ ސަބަބުން ތަނަވަސްކަން އިތުރުވެ، ފަޤީރުކަން ކުޑަވެ، ޤައުމުގެ ސިޔާސީ ހަމަޖެހުން އިތުރުވެގެންދާއިރު، މި ތަރައްޤީގެ އެހީގެ މުހިންމު ބައެއްގެ ގޮތުގައި ރާއްޖޭގައި އޮސްޓްރޭލިއާ އެވޯޑްސްގެ އަމާޒަކީ:

* ރާއްޖޭގެ ތަރައްޤީއަށް ވަކިވަކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ޤާބިލުކަމާއި ލީޑަރޝިޕްގެ ހުނަރު ތަރައްޤީކުރުން* ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން.* އޮސްޓްރޭލިއާ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޕްރޮފެޝަނަލް އަދި ފަރުދީ ސިފަތަކާއި، އިލްމީ ޤާބިލުކަމާއި، އެންމެ މުހިންމު ކަމަކީ، އެނބުރި ރާއްޖެ އައުމުން ޤައުމީ ތަރައްޤީއަށް އެހީތެރިވުމުގެ ޤާބިލުކަން ދެނެގަތުމެވެ.

އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާދަޔާ ހިލާފަށް ނިކަމެތި ވެފައިވާ އެހެނިހެން ފަރާތްތަކުގެ ފަރާތުން އެޕްލިކޭޝަން ހުށަހެޅުމަށް މި ސްކޮލަރޝިޕް ޕްރޮގްރާމުން ބާރުއަޅައެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕަކީ އޮސްޓްރޭލިއާ ސަރުކާރުން ދޭ ދިގު މުއްދަތުގެ ޑިވެލޮޕްމަންޓް އެވޯޑެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްތަކުން ފޯރުކޮށްދޭ ކިޔެވުމާއި ދިރާސާކުރުމުގެ ފުރުސަތުތަކުގެ ސަބަބުން ލިބޭ ފަރާތްތަކުގެ ހުނަރާއި ޢިލްމު ތަރައްޤީވެ، ބަދަލުތައް ގެނައުމަށާއި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޓްވޯކްތައް ބިނާކުރުމަށް އެހީތެރިވެދެއެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމާއި ގުޅުންހުރި ދާއިރާތަކުން އޮސްޓްރޭލިއާގައި ފުލްޓައިމް ޕޯސްޓްގްރެޖުއޭޓް ކިޔެވުމުގެ ފުރުޞަތު މަތީ ތައުލީމަށް ދާން ބޭނުންވެފައިވާ ދިވެހި ދަރިވަރުންނަށް ލިބިގެންދެއެވެ.

ކޮމެންޓް

871x217_placeholder