ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބަދަލުކުރުމަށް ގޮވާލުން ކުށްވެރިކޮށް، ޣައްޒާ އާރާސްތުކުރުމުށް ގޮވާލައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް--ފޮޓޯ: ރައީސް އޮފީސް

08 މާރިޗު 2025 - 06:34
ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބަދަލުކުރުމަށް ގޮވާލުން ކުށްވެރިކުރައްވައި، ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް ތާއީދުކުރައްވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ވަޒީރު ޑރ. ޚަލީލް ބައިވެރިވެވަޑައިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޙަމަލާތަކާއި، ފަލަސްޠީނުގެ ބިމުން އެމީހުން ބަދަލުކުރުމަށް ގޮވާލުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
57 މެންބަރު ޤައުމު ހިމެނޭ އޯއައިސީ އަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެމީހުންގެ ދައުލަތަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރަކަށް ވީ ފަހުން ރާއްޖެ އަކީ އެ ޖަމިއްޔާގެ އެކްޓިވް މެމްބަރެކެވެ.
ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޙަމަލާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެ އިިތުރުން ވަޒީރު ވަނީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުމަށް މިހާރު ގޮވާލަމުންދާ ގޮވާލުންތައް ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށާއި ދާއިމީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ޢަރަބި ލީގު ސަމިޓުގައި ޣައްޒާ އާރާސްތުކުރުމުގެ ޕްލޭނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ދެއްކެވި ވާހަކަފުޅުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ ފަލަސްތީނުގެ ވެރިރަށަކީ 1967 ގެ ކުރިން އިރުމަތީ ގުދުސް އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ގާއިމުކޮށްގެން ކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން ވަނީ މި ފަހުން ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓުވަން އިސްރާއީލުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިސްރާއީލުގެ މި އަމަލުތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށް ބުނެފައެވެ. އަދި އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
އިތުރު ލިޔުންތައް

އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ހުއްޓުވާތީ އެކަން ކުށްވެރިކޮށްފި
2 މަސް ކުރިން
ފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކުރަން އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފި
24 ދުވަސް ކުރިން
ރާއްޖޭން ޣައްޒާއަށް ފޮނުވި ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ވާޞިލުވެއްޖެ
9 ދުވަސް ކުރިން