logoEN
ދުނިޔެ

ރަމަޟާންމަހު ކާތަކެއްޗާއި ފެނަށް ދަތިކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

11 މާރިޗު 2025 - 06:14

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ޔަހޫދީން ޣައްޒާގެ މުސްލިމުން ކާތަކެއްޗާއި ފެނަށް ދަތިކުރަންފަށައިފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ޣައްޒާއަށް ވަންނަންދިޔަ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އުޅަނދުތަކަށް ޔަހޫދީންވަނީ ހުރަސްއަޅާފައެވެެ. އަދި ޣައްޒާއަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ. ޣައްޒާގެ މައްޗަށް އިސްރާއީލުން އަޅާފައިވާ ހިޞާރު ވަރުގަދަކޮށް ޣައްޒާގެ ރައްޔިތުން "ބަނޑަށް ޖައްސަން" މަސައްކަތް ކުރަމުންދާ ކަމަށް ޤަތަރާއި ޖޯޑަނުން ވަނީ ބުނެފައެވެ. ހަމާސްއިންވަނީ އިސްރާއީލުގެ ސިފައިން އަދިވެސް ޣައްޒާއާއި މިޞްރުގެ ބޯޑަރު ސަރަޙައްދުގައި ތިބެ، ބޭރުގެ އެހީ ޣައްޒާއަށް ވަނުން ހުއްޓުވަމުންދާކަމަށް ބުނެފައެވެ.ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ޔަމަނުގެ ހޫތީންގެ ފަރާތުން މިއަދު ބުނެފައިވަނީ، އިސްރާއީލުން މިއަދު ޣައްޒާގެހިޞާރު ނިމުމަކަށް ނުގެނެސްފިނަމަ އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކަށް ރަތް ކަނޑުގައި ހަމަލާދޭނެ ކަމަށެވެ.

ޣައްޒާއަށް މުދާ އެތެރެކުރުން އިސްރާއީލުން ހުއްޓާލުމުގެ ސަބަބުން، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެފައިވާކަމަށާއި މިކަމުގެ ސަބަބުން ބޭކަރީތައް ބަންދުވެ، ކާބޯތަކެތީގެ އަގު މައްޗަށް ގޮސްފައިވާ އިރު، ކަރަންޓު ނެތުމުގެ ސަބަބުން ސާފު ފެން ލިބުމަށްވެސް ހުރަސްއެޅިފައިވާކަމަށް ޔޫ.އެން ގެ ފަލަސްތީނު ރެފިއުޖީ އެޖެންސީ (އަންރުވާ) އިން ވަނީ ބުނެފައެވެ.

ޔަހޫދީން ބުނީ ކާބޯތަކެއްޗާއި، ބޭސް އަދި ތެލަށް ދަތިކޮށްފައިވަނީ ޔަހޫދީންގެ އައު ހުށަހެޅުންތަކަށް ހަމާސްއިން އެއްބާުލުން ނުދޭތީކަމަށެވެ. އަންރުވާއިން ބުނެފައިވަނީ، 17 މަސްދުވަހުގެ ހަނގުރާމައަށްފަހު ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ބަރޯސާވެފައިވަނީ އެހީގޮތުގައި ލިބޭ އެއްޗިއްސަށްކަމަށްވާއިރު ރަމަޟާންމަހާ ދިމާކޮށް އިސްރާއީލުގެ މި އަނިޔާވެރި އަމަލުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށެވެ.

ޣައްޒާގެ ބޭކަރީތަކުގެ ޔޫނިއަންގެ ވެރިޔާ އަބްދުއްނާސިރު އަލް-އަޖްރަމީ ބުނެފައިވަނީ، މިހާރު ހިންގަމުންދާ 22 ބޭކަރީގެ ތެރެއިން 6 ބޭކަރީ ވަނީ ކައްކާ ގޭސް ހުސްވުމުގެ ސަބަބުން ބަންދުކޮށްފައި ކަމަށެވެ. އަދި ބޯޑަރު ހުޅުވައި މުދާ އެތެރެކުރަން ނުފެށިއްޖެނަމަ، ބާކީ ހުރި ބޭކަރީތައްވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންދުކުރަންޖެހޭނެކަމަށް އޭނާ ބުންޏެވެ. އަދި ޑީސަލްއާއި ފުށްވެސް ހުރީ ވަރަށް މަދުންކަމަށް އޭނާ ބުންޏެވެ. އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމުގެ ބަދަލުގައި ޔަހޫދީން ހުށަހަޅާފައި ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. މިއީ، ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމާ ޚިލާފުވެ، އައު އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ އަައު ހުށަހެޅުމެކެވެ.

ޔަހުދީންދަނީ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންނެވެ. އަދި މިކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

ކޮމެންޓް

871x217_placeholder