އެފްއޭއެމްގެ ދަރަނި އަދާކުރުމަށް ސަރުކާރުން ފަހި ގޮތެއް ހޯދައިދޭން މަސައްކަތް ފަށައިފި

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަބްދުﷲ ރާފިޢު. ފޮޓޯ: ޕީ.އެސް.އެމް

16 މާރިޗު 2025 - 06:31
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން މަސައްކަތް ފަށައިފިއެވެ..މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަބްދުﷲ ރާފިޢުއެވެ.
މީރުމާގޭ ހޮޓަލުގައި ބޭއްވުނު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ، "އެފްއޭއެމްއިން ސަރުކާރުގެ ކުންފުނިތަކަށް ދަރާފައިވާ ދަރަނި ދެއްކުމުގައި މިނިސްޓްރީން މިހާރު މިގެންދަނީ ސަރުކާރު ކުންފުނިތަކާ ވާހަކަ ދައްކަމުން" ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިކަން ނިމިގެންދާނީ ވަރަށް ފަހި ގޮތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެފްއޭއެމްއިން ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު އެތަކެއް މިލިޔަކަކަށް އަރައެވެ. ނަމަވެސް މިއީ ކިހާ ފައިސާއެއްކަން އަދި ދަރާފައިވަނީ ކިތައް ކުންފުންޏަށްކަން މިނިސްޓަރ ރާފިޢު ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރ ރާފިޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެފްއޭއެމްގެ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން ދަނީ ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ގަލޮޅު ދަނޑުގައި އޮފީސް ހަދައިދިނުމާއި، މުބާރާތްތައް ބޭއްވުމަށް ވުޒާރާގެ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ގައުމީ ޓީމުތައް ބޭރުގެ މުބާރާތްތަކުގައި ބައިވެރިވުމަށް އެފްއޭއެމްއިން އެދުނު ކޮންމެ ކަމަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.މިވަގުތު އެފްއޭއެމް އޮތީ މާލީ އަދި އިދާރީ ގޮތުން ދަތި ހާލަތެއްގައި ކަމާއި، މިކަމާ ގުޅިގެން ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒް ކޮށްފައެވެ. މި ހާލަތުން އަރައިގަތުމަށް ސަރުކާރުން މިހާރު މިކުރާ މަސައްކަތަކީ އެފްއޭއެމްގެ މުސްތަގުބަލަށް އުއްމީދީ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.