ސަރަހައްދީ ޔޫތު މުބާރާތުން ތިން މެޑަލް ހޯދި ޖޫނިއާ ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ ޖޫނިއާ ޓޭބަލް ޓެނިސް ޓީމު -- ފޮޓޯ: ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

29 އޭޕްރީލު 2025 - 09:26
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެ ތަމްސީލުކުރި ރާއްޖޭގެ ޖޫނިއާ ޓޭބަލް ޓެނިސް ޓީމުން ތިން މެޑަލާއެކު، މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 24 އިން 27 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ އެއް ރިހި މެޑައްޔާއި ދެ ލޯ މެޑަލް ކާމިޔާބުކޮށްފައެވެ. ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީން ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުއެވެ.
މީގެ އިތުރުން 15 އަހަރުން ދަށުގެ ކެޓަގަރީގެ ޓީމް އިވެންޓުގައި ވާދަކޮށް އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. މި ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އައިޝަތު އަލްސާ ނާފިޒު ވަނީ، 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. އަލްސާއާއިއެކު މިކްސް ޑަބަލްސް ހޯދި ކުޅުންތެރިޔަކީ މުޙައްމަދު ހަލަފް ރާފިޢުއެވެ.
މި ޓީމު ރާއްޖެ އަނބުރާ އައުމުން، ޓީމުގެ ކުޅުންތެރިންގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ޓީމާއި ބައްދަލުކުރައްވަން ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއު އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލު ވަނީ ވަޑައިގެންފައެވެ.
ކުޅުންތެރިންނާއި ބައްދަލުކުރައްވައި އެކުދިންގެ ހިއްވަރާއި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، ވަޒީރު ވަނީ ދެން އަންނަ މުބާރާތުގައި މި ނަތީޖާއަށް ވުރެ ވެސް މޮޅު ނަތީޖާއެއް ނެރުމަށް ބާރުއަޅުއްވާފައެވެ. އަދި ރާއްޖޭން ކުރިން ވާދަކުރި ގައުމުތަކާއި އަޅާބަލާއިރު، ދެގައުމުގެ މެދު ކުޅުމުގައި އޮތް ގެޕް މިހާރު ވަރަށް ކުޑަކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ކުރީގައި އަޅުގަނޑުމެން ކުޅުނު ގައުމުތަކުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސެޓްތަކުން ލިބުނު ޕޮއިންޓްސްއާއި، މިއަހަރު އަޅާ ބަލާފަ ވަރަށް ބޮޑުތަން ތަފާތު. ވަރަށް ކުޑަ ތަފާތެއް މިހާރު މި އުޅެނީ ދެ ގައުމު ދޭތެރޭގަ. އެހެންމަ އޭގެން އިނގުނީ އަޅުގަނޑުމެންގެ ގެޕް ވަރަށް ކުޑަ ވެއްޖެކަން، އަވައްޓެރި ގައުމުތަކާ ބަލާފައި،- ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއު
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތުގައި ބޫޓާން ފިޔަވައި، ދެކުނު އޭޝިއާގެ ހަ ގައުމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 85 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއާއެކު މި ޗެމްޕިއަންޝިޕް އިންތިޒާމުކުރާ ފަރާތުން ބުނާ ގޮތުގައި، އުޒްބެކިސްތާނުގައި ބާއްވާ އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމު އިވެންޓުގެ އެއްވަނަ އަދި ދެވަނަ ޓީމް ވަނީ ހޮވިފައެވެ.