ރޮނާލްޑޯއާއި މެސީ އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު އެބައޮތް

ރޮނާލްޑޯ އާއި މެސީ އެއްޓީމަކަށް ކުޅުމުގެ ފުރުސަތު އޮތްކަމަށް ރިޕޯޓްތައް ބުނޭ

28 މާރިޗު 2025 - 05:00
ފުޓްބޯޅަ ދުނިޔޭގެ އެންމެ ފަހުގެ ދެ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ މިއަހަރުގެ ފަމެދުތެރޭގައި އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު އޮތްކަމަށް ޓޯކްސްޕޯޓުން ހާމަކޮށްފިއެވެ.
މިހާރު އަލް-ނަސްރުގައި ކުޅެމުންދާ ރޮނާލްޑޯގެ އެއްބަސްވުން އަންން ޖޫން މަހަށް ހަމަވާއިރު، އޭނާއަށް ކްލަބް ދޫކޮށް ދިއުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ. އަދި ކްލަބް ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމަކާއެކު ކުރުމުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އަނބުރާ ސައުދީ އަރަބިއާއަށް ދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ބެލެވެއެވެ.ކްލަބް ވޯލްޑްކަޕް ޖޫން 15 ގެ ފެށުމުގެކުރިން ގެ10 ދުވަހުގެ ޓްރާންސްފަރ މާކެޓެއް ހުޅުވާލުމަށް ފީފާއިން މިހާރުވަނީ ނިންމާފައެވެ.
އިންޓަރ މިއާމީއާއެކު ކުޅެމުންދާ މެސީ، އެ ޓީމާއެކު ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާނެއެވެ. އަދި އެ ޓީމަށް ރޮނާލްޑޯ ސައިން ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިހާރު އުމުރުން 40 އަހަރުގެ ރޮނާލްޑޯ އޭނާގެ ކުރިއަށް އޮތް މަންޒިލް ދިރާސާކުރަމުންދާއިރު، މެސީއާ އެއް ޓީމެއްގައި ކުޅުމުގެ ފުރުސަތު ލިބިދާނެކަމަށް ބެލެވެއެވެ. އަދި މިކަމަށް އެކުލަބުން ޝައުގުވެރިވާކަމަށް ޓޯކްސްޕޯޓުން ހާމަކުރެއެވެ.
ޖޫން 15 އިން ޖުލައި 13 އަށް އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕްގައި ދުނިޔޭގެ 32 ޓީމް ވާދަކުރާނެއެވެ. 775 މިލިއަން ޕައުންޑުގެ ފައިސާގެ އިނާމު ހިމެނޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 96.9 މިލިއަން ޕައުންޑު ލިބޭނެއެވެ.
ފުޓްބޯޅަ ދުނިޔޭގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި ދެކުޅުންތެރިން އެއްޓީމަކަށް ކުޅުމަކީ މިދެކުޅުންތެރިންގެ ސަޕޯޓަރުންގެ ހުވަފެނެކެވެ. ގިނަ އަހަރުތަކެއް ވަންދެން ވާދަވެރިންގެ ގޮތުގައި ތިބި މި ދެ ކުޅުންތެރިން ދެމެދު މިހާތަނަށް ކުރިމަތިލާފައިވާ 27 މެޗުން މެސީ ކާމިޔާބުކޮށްފައިވަނީ 16 މެޗެވެ. ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ 11 މެޗެވެ.
އިތުރު ލިޔުންތައް

އިންޖަރީއަށް ފަހު މެސީ އެނބުރި ގައުމީ ޓީމަށް
6 މަސް ކުރިން
37 އަހަރުގައި ވެސް މެސީ ދެއްކީ ތަފާތު، މެޗު ނިންމާލީ ހެޓްރިކެއް ހަދައިގެން
6 މަސް ކުރިން
މެސީގެ ކެރިއަރު ނިންމާލަން ވިސްނަނީ
6 މަސް ކުރިން