logoEN
ކުޅިވަރު

ފީފާގެ އިރުޝާދާ އެކު ދިވެހި ފުޓްބޯޅަ ސީޒަން ފަސްކޮށްފި

އެފް.އޭ.އެމް ގައި ހުރި ގިނަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވޭ. ފޮޓޯ: ރާއްޖެއެމްވީ

އެފް.އޭ.އެމް ގައި ހުރި ގިނަ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވޭ. ފޮޓޯ: ރާއްޖެއެމްވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 މާރިޗު 2025 - 06:09

އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ފުޓްބޯޅަ ސީޒަން ފަސްކުރުމަށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އަންގައިފިއެވެ. މިކަން އެފްއޭއެމުން ވަނީ ކްލަބްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

އެނގިފައިވާ ގޮތުގައި ހައްރާޒު އެފްއޭއެމަށް އަންގާފައިވަނީ އޭޕްރީލްގައި ސީޒަން ނުފަށައި، އޯގަސްޓް މަހު ދިވެހި ޕްރިމިއާ ލީގު ކުޅޭ ގޮތަށް ހަމަޖެއްސުމަށެވެ. މީގެ އިތުރުން ފީފާއާ ގުޅިގެން އަލުން ފުޓްބޯޅަ ކަލަންޑަރު އެކުލަވާލުމަށްވެސް އަންގާފައިވެއެވެ. ފީފާއިން މަސައްކަތް ކުރަމުންދަނީ އޭޝިޔާގެ މުބާރާތްތަކާ އެއްގޮތަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން އޯގަސްޓު މަހު ފެށުމަށެވެ.

މި ނިންމުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރި މައްސަލަތަކަށް އިސްކަންދިނުން ހިމެނެއެވެ.

މި މަހުގެ 16 ގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ފީފާއިން ބޭއްވި ކޮންފަރެންސްގައިވެސް ހައްރާޒު ވަނީ ފުޓްބޯޅަ ސީޒަން ނުފެށުމަށް ބާރުއަޅާފައެވެ.

ނަމަވެސް މި ނިންމުމަކީ ކްލަބްތަކަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ނިންމުމެކެވެ. އެއީ ގިނަ ކްލަބްތަކުން ވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފަށައި، ބިދޭސީ ކޯޗުންނާއި ކުޅުންތެރިން ގެނެސް، ގިނަ ޚަރަދުތަކެއް ކޮށްފައެވެ.

ފީފާގެ ފަރާތުން ރާއްޖެއާ ގުޅޭ ކޭސް ބަލަހައްޓަނީ މިސްރަށް ނިސްބަތްވާ ހައްރާޒެވެ. އޭނާގެ އިރުޝާދުގެ ދަށުން އަލުން އެކުލަވާލެވޭ ފުޓްބޯޅަ ކަލަންޑަރާ އެއްގޮތަށް ކުރިއަށް ދިއުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

ކޮމެންޓް

871x217_placeholder