logoEN
ކުޅިވަރު

ނަތީޖާ ގޯސްވުމާ ގުޅިގެން ބްރެޒިލްގެ ކޯޗު ޑޮރިވާލް ވަކިކޮށްފި

ބްރެޒިލްގެ ކުރީގެ ކޯޗު ޑޮރިވާލް. ފޮޓޯ: ބީބީސީ

ބްރެޒިލްގެ ކުރީގެ ކޯޗު ޑޮރިވާލް. ފޮޓޯ: ބީބީސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 މާރިޗު 2025 - 05:49

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޑޮރިވާލް ޖޫނިއަރ ވަކިކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޓީމުގެ ނަތީޖާތައް ގޯސްވަމުން ދިއުމާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި ކޯޗަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ.

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޯޗުކަމާ ހަވާލުވި ޑޮރިވާލްގެ ދަށުން ބްރެޒިލް ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ފަސް މެޗުންނެވެ. އޭނާ ވަކިކުރުން އަވަސްވެގެން ދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން މިދިޔަ ހަފުތާގައި 4-1 އިން ބަލިވުމާ ގުޅިގެންނެވެ.

އަންޗެލޮޓީގެ އިތުރުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސްވެސް ބްރެޒިލްގެ ލިސްޓުގައި ހިމެނެއެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސްވެސް ވަނީ ފީފާ ކުލަބު ވޯލްޑް ކަޕް ނިމުމުން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން އަނގަބަހުން އެއްބަސްވެފައެވެ.

މިހާރު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ކޮލިފައިންގެ ހަތަރު ވަނައިގައެވެ. ނަމަވެސް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިނުވުމަކީ ދުރުކަމެކެވެ. ސަބަބަކީ މުބާރާތް ކުޅޭ ގައުމުތަކުގެ އަދަދު 48 އަށް މަތިކޮށްފައިވާއިރު ދެކުނު އެމެރިކާއިން އެކަނިވެސް ޖުމްލަ ހަ ގައުމެއް އޮޓެމެޓިކުން ކޮލިފައިވާނެތީއެވެ.

ކޮމެންޓް

871x217_placeholder