އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާތައް ކުރާނެކަމަށް ގަބޫލުކުރެވޭ: ޓްރަމްޕް


04 އޭޕްރީލު 2025 - 07:26
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާތައް ކުރާނެކަމަށް ގަބޫލުކުރެވޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޓީއަށް އީރާނުން ޖަވާބުދީ އެމެރިކާއާ އެކު ނުސީދާ މަޝްވަރާތަކަށް ތައްޔާރަށް އޮތްކަން މީގެ ކުރިންވަނީ ހާމަކޮށްފައެވެ. ނަމަވެސް އީރާނަށް ވީހާވެސް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުވައިގެން އީރާނުގެ ނިއުކުލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން އަންނީ މަސައްކަތް ކުރަމުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ބުނެފައިވަނީ އީރާނަށް އަދިވެސް ރަނގަޅުވާނީ ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުންކަމަށާއި އޭރުން ދެ ފަރާތުން ބޭނުންވާ ކަންކަން ދެނެގަނެވޭނެކަމަށެވެ.2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބާރުވެރި ޤައުމުތަކާ ދެމެދު ވެވުނު އެއްބަސްވުމުން އެމެރިކާ ވަކިވެފައިވަނީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައެވެ. މި އެއްބަސްވުމުގެ ދަށުން އީރާނުގެ ނިއުކްލިއަރ ޙަރަކާތްތަކަށް ހަރުކަށި ހުދޫދުތަކެއް ކަނޑައެޅި، އޭގެ ބަދަލުގައި އީރާނަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދިނެވެ.2018 ގައި ޓްރަމްޕް މި އެއްބަސްވުމުން ވަކިވެ، އީރާނަށް ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެ ފަހުން، ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އިން ބުނެފައިވަނީ އީރާނުގައި ޒަމާނީ ބޮން އުފެއްދޭވަރުގެ ފިޝަބަލް މެޓީރިއަލް ހުރި ނަމަވެސް، އެއްވެސް ބޮމެއް އުފެއްދުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އީރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މުޅިން ސިވިލް ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެމެރިކާގެ އެއްބަސްވުންތަކާ އީރާނުން ދެކޮޅު ހަދާނަމަ އީރާނަށް ހަމަލާދޭނެކަމަށް ތަކުރާރުކޮށް ބުނަމުން އަންނާތީ ހަމަލާއެއް ދީފިނަމަ ބަދަލުގައި އެމެރިކާއަށް ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ، އީރާނުގެ ރޫޙީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާޢީވެސް މިފަހުންވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކުވެސްވަނީ އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ރައްދުގައި ފޯޅަވަހީގައި އެމެރިކާއާއި އިނގިރޭސިވިލާތުން ހިންގަމުން އަންނަ އަސްކަރީ މަރުކަޒަށް ހަމަލާދޭނެކަމަށް ވިދާޅުވެފައެވެ.
އީރާނުގެ އިންޒާރަށް ބިރުން އެމެރިކާއިން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެމެރިކާއަށް އީރާނަށް ހަމަލާދޭން ނުކެރޭނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.