logoEN

އީރާންގެ ފާޑުކިޔުން ޓްރަމްޕަށް: "ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ"

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

17 މޭ 2025 - 14:24

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއް ކޮޅުން ސުލްޙައިގެ ވާހަކަ ދައްކަވާއިރު، އަނެއް ކޮޅުން އިންޒާރު ދެއްވާތީ، ޤަބޫލުކުރަންވީ ކޮންވާހަކަފުޅެއް ކަން ސާފުނުވާ ކަމަށް ވިދާޅުވެ، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އީރާނުގެ ނިއުކްލިޔަަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ވަރަށް ގާތްވެފައިވާ ކަމަށާއި އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ކޮންމެވެސް ސިފައެއްގެ އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.ނަމަވެސް، އެ ހުށަހެޅުންތަކަށް އީރާނުން ލަސްނުކޮށް ފުރިހަމައަށް އެއްބަސްވާންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އީރާނުގެ ނިއުކްލިޔަަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، އެމެރިކާގެ އިންޒާރުތަކާ ގުޅިގެން އީރާނުން ފަހަތަށް ނުޖެހޭނެކަމަށް ވެސް ޕީޒިޝްކިޔާން ވިދާޅުވިއެވެ.

ޔުރޭނިއަމް މުއްސަނދި ކުރާ މިންވަރު މަދު ކޮށް، މިހާރު ރައްކާކޮށްފައި ހުރި ޢަދަދު މަދު ކުރުމަށް އީރާނަށް އެއްބަސްވެވިދާނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ނަމަވެސް އެގޮތަށް ދަށް ކުރެވޭނީ މީގެ ކުރިން އެމެރިކާގެ ވެސް ބައިވެރިވުމާއެކީ ޤާއިމް ކުރި 2015ވަނަ އަހަރުގެ ނިއުކްލިޔަރ އެއްބަސްވުމުގައިވާ މިންވަރަށްވުރެ ދަށް މިންވަރަކަށް ކަމަށް އީރާނުން ބުނެއެވެ. އެމެރިކާއިން މީގެ ކުރިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ.އީރާނުން މުއްސަނދިކުރާ ޔުރޭނިއަމްގެ މިންވަރު މަދު ކުރުމަށް އެ ޤަައުމުން ހުށަހަޅަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް އެމެރިކާއިން މި ގޮތެއް ބޭނުމެއް ނުވެއެވެ. އޭގެ އިތުރުން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް ދެ ފަރާތަށް އެއްބަސްނުވެވި އޮތް ބޮޑު މައްސަލައެކެވެ. އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު މަޑުޖައްސައިލުމުގެ ބަދަލުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް އީރާނުން ޝަރުތުކުރެއެވެ.

ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް މެއި މަހުގެ 11ވަނަ ދުވަހު ނިންމާލާފައިވާއިރު އަދި އިތުރު މަޝްވަރާތައް ދެފަރާތުގެ ދެމެދުގައި ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އިތުރު މަޝްވަރާތައް ބާއްވާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ކޮމެންޓް

871x217_placeholder