logoEN
ރިޕޯޓް

ކެޔޮގަނޑުގެ ފޫވައް ވައްޓާނުލެވި، އުނބަށް ޖެއްސެވީތޯ؟

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

06 އޭޕްރީލު 2025 - 19:00

ހަނދާނަށް އަންނަނީ 2023 ވަނަ އަހަރުގެ ޖުލައި މަހެވެ. އާދެ، މީގެ ގާތްގަޑަކަށް ދޮޅު އަހަރު ކުރިއެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ފުރުއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނު އުފަންކުރުވި މައި ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވައި އެހެން ކުޑަ ޕާޓީއެއްގެ ޖަލްސާއަކުން ފެނުނީ އެދުވަހުއެވެ. ޑިމޮކްރެސީގެ "ބައްޕަ" ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ރައީސް ނަޝީދު އެދުވަހުގެ ޖަލްސާގައި ޕޯޑިއަމަށް އަރުއްވައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީއަށް ހައެތިން ދިނެވެ.

13 ޖުލައި 2023 ވަނަ ދުވަހުގެ ރޭ، މާލޭގެ އާޓިފިޝަލް ބީޗުގައި އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްގެ މާ ޚާއްސަ ޖަލްސާއަކަށްވީ އެރޭގެ ޖަލްސާއެވެ. ކުރީގެ ރައީސް ނަޝީދު، އެމްޑީޕީގެ ޕޯޑިއަމް ނޫން އެހެން ޕާޓީއެއްގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ހުންނަވައި ދެއްވީ، އެމަނިކުފާނުގެ "ދަރިއެއް"ފަދަ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރެވެ. އެއްކަލަ އެމްޑީޕީގެ ފޫވައް ވެއްޓިފައިވާ ކަމުގެ އިންޒާރެވެ. ނުވިތާކަށް، އޭރު ވެރިކަމުގައި އޮތް އެމްޑީޕީގައި ތިއްބެވި އެމަނިކުފާނުގެ އެންމެ "ގާތް ރަހްމަތްތެރިންނަށް" ވެސް ބަސްތަކެއް އިޝާރަތްކުރައްވައި ވިދާޅުވި ގޮތުގައި، އެބޭފުޅުން ތިއްބެވީ ގޯސްތަނުގައެވެ.

އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން، - 13 ޖުލައި 2023 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު

އޭގެ އިތުރަށް، އެދުވަހު އެމްޑީޕީ ދޫކުރައްވައި މުޅިން އައު ޕާޓީއެއް އުފެއްދެވީ، އެމްޑީޕީން އެ ހުރިހާ ޒަމާންތަކުގައި ގެންގުޅުނު "ގަބޫލުކުރުންތަކާއި ހަމަތަކުން" އެ ޕާޓީ ފެޔަށް ދާން ފެށުމުން ކަމުގައި ވެސް ހަމަ އެރޭ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ޑިމޮކްރެޓްސް ވުޖޫދުކުރީ، އެމްޑީޕީގެ ތެރެއިން ފެޔަށް ޖެހުނު "ފިކުރު" ދިރުވުމަށެވެ.

undefinedކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސްގެ ޕޯޑިއަމަކުން ފުރަތަމަ ފެނުނު ރޭގައި ވާހަކަަފުޅު ދައްކަވަނީ -- ފޮޓޯ: މިހާރު

ކޮންމެއަކަސް ރައީސް ނަޝީދުގެ އެ ވާހަކަތައްވީ މުޅި ޑިމޮކްރެޓްސްއަށް ތަފާތު ރޫހެއް ގެނުވި ކަމަކަށެވެ. އެހެން ނަމަވެސް އެކަންވީ އޭރު ވެރިކަމުގައި އޮތް އަދި ދެވަނަ ދައުރެއް ލިބޭނެކަމުގެ ޔަގީންކަމުގައި އޮތް އެމްޑީޕީއަށް ކުރިމަތިކުރުވި ބޮޑު "ޑެމޭޖް" އަކަށެވެ. ނަތީޖާއަކަށްވީ، އޭރު ބިޔަ ބޮޑުކޮށް އޮތް އެމްޑީޕީން އެތައް ހާސް ވޯޓެއް ގެއްލި، އެ މަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ދެވަނައަށް ދިޔުމެވެ. އަދި އޭގެ މަހެއްހާ ދުވަސް ފަހުން އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ގާތްގަޑަކަށް އެ ވޯޓުތަކުގެ ތަފާތުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމެވެ.

އެއާއެކު، އެ ރިޔާސީ އިންތިހާބުގެ "ކިންގް މޭކާ" އަކަށް ރައީސް ނަޝީދު ހަދައި އެއް ބަޔަކު އުފާފާޅުކުރަމުން ދިޔައިރު، އެކަން އެމްޑީޕީގެ އާންމު މެންބަރުންނަށް ޙަޖަމެއް ނުކުރެވުނެވެ. އެ އާންމު މެންބަރުންގެ "ވޯންޓެޑް" ލިސްޓަށް ރައީސް ނަޝީދާއި ދަ ޑިމޮކްރެޓްސްއަށް ދިޔަ އެމްޑީޕީގެ އިސްފަރާތްތައް އެހާތަނުން ލީއެވެ.

undefinedދަ ޑިމޮކްރެޓްސް އުފެއްދި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: މިހާރު

އެ އިންތިހާބު ކާމިޔާބުކުރައްވައިގެން، މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިހާރު ގާތްގަޑަކަށް ދޮޅު އަހަރު ވީއެވެ. އޭގެ ދޮޅު އަހަރު ކުރިން ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް މަޑު މަޑުން މަންޒަރުން ގެއްލެން ފަށައިފިއެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރޯޅިތައް ގަދަވަމުން އަންނައިރު، އެއްކަލަ އެމްޑީޕީ ދޫކުރައްވައި، އެ ޕާޓީ ރޫޅައިލައްވާނެ ކަމަށް ވިދާޅުވި ރައީސް ނަޝީދު ވެސް މިހާތަނަށް ހުންނެވީ ސިޔާސީ ވާހަކަތައް ނުދައްކަވައި، މަޑުންނެވެ.

ކުއްލިއަކަށް ރައީސް ނަޝީދު ސޯޝަލް މީޑީޔާއަށް ދޫކުރެއްވީ މެސެޖެކެވެ. ވަރަށް ފާޑެއްގެ މެސެޖެކެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ "އުނބަށް ޖެއްސެވީ" އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި، އެމްޑީޕީއަށް، އަދި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން،" ކުރު އެ މެސެޖުގައި ރައީސް ނަޝީދު ލިޔުއްވިއެވެ.

View post on Twitter

މި މެސެޖު ފެނުމުން ހޭންވީކަމެއް ނުވަތަ ރޯންވީކަމެއް ޚުދު އަޅުގަނޑަކަށް ނޭނގުނެވެ. އެންމެ ފުރަތަމަ ވެސް ހިތައް އެރީ، މިކަން ކިހާ ހެއްވާތޯއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުމެއް ދިން ފަރާތް، މިހާރު މި ވިދާޅުވަނީ އެ ޕާޓީއެކުގައި މަސައްކަތްކުރުމަށެވެ.

އެމްޑީޕީގެ ސިޔާސަތުތައް ކަމުނުގޮސްގެން، އެ ޕާޓީގެ ބޮޑުންގެ ވައްކަންތަކާއި ކޮރަޕްޝަންތައް ގިނަވެގެން، އެ ޕާޓީގެ އަސްލު ފިކުރުތައް ގެއްލިގެން އެ ޕާޓީ ދޫކުރައްވައި އެހެން ޕާޓީއެއް އުފައްދަވައި، އެ ޕާޓީގެ ޕޯޑިއަމެއްގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވި ބޭފުޅަކު މިފަދައިން ވިދާޅުވުމުން، އެކަން ހަމަ އަސްލު ވެސް ކިހާ ހެއްވާތޯއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން، ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ވެސް، އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރައްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅަކު އެފަދައިން ވިދާޅުވުމުން ހަމަ އަންތަރީސްވެއްޖެއެވެ. މިފަދަ ކަންކަމަށް އަޅުގަނޑު ދަންނަ، ދިވެހި ބަހުގެ ރަދީފުގައި ބަހެއް އޮވެއެވެ. އެއަށް ކިޔައި އުޅެނީ އުނބަށް ޖެހުމެވެ.

ކޮމެންޓް

871x217_placeholder