ދިރާސީ އާ އަހަރުގެ ކިޔެވުން ސަރުކާރު ސްކޫލްތަކުން ފެށީ 84،000 ދަރިވަރުންނާ އެކު
7 އޭޕްރީލު 2025 - 03:44
.jpg&w=3840&q=75)
ދިރާސީ އާ އަހަރުގެ ކިޔެވުން ސަރުކާރު ސްކޫލްތަކުން ފެށީ 84،000 ދަރިވަރުންނާ އެކު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ސަރުކާރުން ހިންގާ 217 ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައި ދެއްވުމުގައި 10،000 މުދައްރިސުން ހަރަކާތްތެރިވަމުން ގެންދާނެއެވެ. އެއީ ކިޔަވާ އާބާދީގެ ކޮންމެ އަށް ކުއްޖަކަށް މުދައްރިސެކެވެ. މާލޭގައި ހުރި ސަރުކާރުގެ 19 ސްކޫލެއްގައި ކިޔަވަމުންދާ ކުދިންގެ އާބާދީއަކީ މުޅި ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންގެ 33 އިންސައްތަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އާބާދީގެ 21 އިންސައްތަ މަސައްކަތް ކުރަނީ މި ސްކޫލުތަކުގައެވެ.

Ad by Hajj Corporation
ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ޕީއެސްއެމްގެ "ރާއްޖެ މިއަދު"ގައި މިރޭ ވިދާޅުވީ، މިއަހަރުގެ ދިރާސީ އަހަރު ފަށާއިރު، ދަރިވަރުންގެ ތަޢުލީމީ ޙައްޤު ނުގެއްލޭ ވަރަށް ސްކޫލުތަކުގައި އިންތިޒާމުތައް ފުރިހަމަކޮށްދީފައިވާ ކަމަށާއި އެއްވެސް ދަރިވަރަކަށް ބޭނުންވާ ފޮތްތައް ނުލިބޭ ސްކޫލެއް މިހާރު ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއިން ޒަމާނަކު ޓީޗަރުންގެ ކަންކަން ރަނގަޅުނުކުރެވޭ މިންވަރަށް ރަނގަޅުކޮށްފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، 1،800އެއްހާ ބިދޭސީން މުދައްރިސުން މަސައްކަތް ކުރަމުންދާއިރު އެންމެ ބޮޑު އުނދަގުލަކަށް ކޮންމެ އަހަރަކު ވެސް ކުރިމަތިވަނީ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވުމުގެ މައްސަލަ ކަމަށެވެ. ބައެއް ޓީޗަރުން ޗުއްޓީއަށް ފަހު މަސައްކަތަށް ނުކުންނަން އޮންނަ ދުވަހު ވެސް އިސްތިއުފާ ދެއްވާ ކަމަށާއި މި އަހަރުވެސް 14 ޓީޗަރަކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެހެން އަހަރުތަކާ އަޅާބަލާއިރު މަދު އަދަދެއްކަން އެޑިޔުކޭޝަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.


