ފަހުވަގުތު ބަޔާން މިޔުނިކް ބަލިކޮށް އިންޓަރ މިލާން ސެމީއާއި ގާތަށް

އިންޓަރ މިލާނުން ރޭގެ މޮޅަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އިންޓަރ

09 އޭޕްރީލު 2025 - 03:27
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުން އިންޓަރ މިލާނުން ބަޔާން މިއުނިކް 2-1 އިން ބަލިކޮށްފިއެވެ. ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި އިންޓަރ މިލާނަށް ލަނޑު ޖެހީ ލައުޓާރޯ މާޓިނޭޒް އާއި ޑޭވިޑް ފްރަޓޭސީއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާން މިއުނިކުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނިޓުގައި އިންޓަރ މިލާނުން ފޮނުވާލި ހަމައެކަނި ހަމަލާއިން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފުގައި ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ގެނައި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން ވަނީ އިތުރަށް ރަނގަޅުވެފައެވެ. މެޗުގެ 85 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޯމަސް މުލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް އޭގެ ތިން މިނިޓު ފަހުން އިންޓަރ މިލާނުގެ ކައުންޓަރ އެޓޭކެއްގައި ކާލޯސް އޮގަސްޓޯ ނަގައިދިން ހުރަހަކުން ޑޭވިޑް ފްރަޓޭސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މިލާނަށް މެޗުން ކުރި ހޯދައިދީފައެވެ. މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި 22 މެޗުގެ ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ.
މި ދެ ޓީމު ވާދަކުރާ ދެވަނަ ލެގް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބާސެލޯނާ އާއި ބޮރޫޝިޔާ ޑޯޓްމަންޑް އާ ދެމެދުން މޮޅުވާ ޓީމަކާއެވެ.
އިތުރު ލިޔުންތައް

އިންޓަރ މިލާން އިން މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދިން
7 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
6 މަސް ކުރިން
މުސިއާލާ ގެ ހެޓްރިކާއެކު ބާޔާން މިޔުނިކް ޑީ.އެފް.ޕީ ޕޮކާލްގެ ތިންވަނަ ބުރަށް.
6 މަސް ކުރިން