logoEN
ކުޅިވަރު

ޝާ،ކެރީ ރިޗަޑްސަން: ދުވުމުގައި ވިދާ ތަރިއެއް

ޝާ' ކެރީ ރިޗަޑްސަން

ޝާ' ކެރީ ރިޗަޑްސަން

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

15 ސެޕްޓެމްބަރު 2024 - 03:32

2000 ވަނައަހަރުގެ މާރިޗް މަހު އެމެރިކާގެޓެކްސަސްގެ ޑަލަސްއަށް އުފަން ޝާ' ކެރީ ރިޗަޑްސަން އަކީ ޓްރެކް އެންޑް ފީލްޑްގެ އެންމެ މަތީ ދަރަޖައިގެ ކާމިޔާބުތައް ޙާސިލުކޮށް، ދުނިޔޭގެ އެންމެ މޮޅު އެއް ދުވުންތެރިއެއްގެ ގޮތުގައި ވިދާލާފައިވާ ދުވުންތެރިއެކެވެ.

ހައި ސްކޫލްގައި ތަޢުލީމް ޙާސިލުކުރިއިރު ވަރަށް އުއްމީދީ އެތުލީޓެއްގޮތުގައި ފާހަގަވެގެންދިޔަ ރިޗަރޑްސަން، ދުވުމުގައި މުޅިދުނިޔޭގައި ނަންކިޔާތަރިޔަކަށް ވުމަށް ކުރިދަތުރަކީ އާދަޔާ ޚިލާފް ހިތްވަރާއި އެކު މޮޅު ކާމިޔާބުތަކުން ފުރިފައިވާ ތަޖުރިބާއެކެވެ.

ރިޗަޑްސަންގެ ހުނަރު ގިނަ ބަޔަކު ބަަލައިގެންފައިވާއިރު، 2016 ވަނަ އަހަރު އޭ.އޭ.ޔޫ. ޖޫނިއާ އޮލިމްޕިކްސްގެ 100 މީޓަރުގެ އިވެންޓާއި 2017 ވަނަ އަހަރު ޔޫ.އެސް.އޭ.ޓީ.އެފް. ޖޫނިއާ އޮލިމްޕިކްސް ކާމިޔާބު ކޮށްފައިވާއިރު، ބައިނަލްއަގްވާމީ ގޮތުން ފުރަތަމަ އޭނާ ފާހަގަވެގެން ދިޔައީ 2017 ވަނަ އަހަރު ބޭއްވި ޕޭން އެމެރިކަން 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 100×4 މީޓަރު ރިލޭ ރޭހުން ރަން މެޑަލް ޙާސިލު ކޮށްގެންނެވެ.

ލޫޒިއާނާ ސްޓޭޓް ޔުނިވާސިޓީ ގައި ކިޔަވަންފެށުމާއިއެކު ރިޗަޑްސަން ދުވުންތެރިއެއްގެ ގޮތުގައި އިތުރަށް ވިދަމުން ދިޔައެވެ. 2019 ވަނަ އަހަރު އެން.ސީ.އޭ.އޭ ޑިވިޝަން ޗެމްޕިއަންޝިޕް ގައި 10.75 ސިކުންތުން ރޭސްނިންމައި 100 މީޓަރުގެ ކޮލެޖް ރެކޯޑް މުގުރާލައި، އުމުރުން އެންމެ 19 އަހަރުގައި ދުނިޔޭގެ ތާރީޚުގައި އެންމެ ހަލުވި ދިހަ އަންހެނުންގެ ތެރޭގައި ހިމެނިގެން ދިޔައެވެ. އަދިހަމަ އެ އަހަރު ކޮލެޖް ޓްރެކް އެންޑް ފީލްޑް ގެ އެންމެ މަތީ ޝަރަފު ކަމަށްވާ 'ދަ ބަވަރމަން އެވޯޑް' ވެސް ޙާސިލުކުރިއެވެ.

2019 ވަނަ އަހަރު ޕްރޮފެޝަނަލް ދުވުންތެރިޔަކަށް ބަދަލުވި ރިޗަޑްސަން ވަނީ މީހުން ހައިރާންވާފަދަ މޮޅުހުނަރުތައް ދައްކާފައެވެ. އެގޮރުން 2021 ވަނަ އަހަރު 10.72 ސިކުންތުން އޭނާ އެހާތަނަށް ދުވެފައިވާ ބާރުމިނުގެ ރެކޯޑް މުގުރާލައި، ދުނިޔޭގެ ތާރީޚުގައި ހަ ވަނައަށް އެންމެ ބާރަށް ދުވި އަންހެން ދުވުންތެރިޔާގެ ލަޤަބުވެސް ވަނީ ހޯދާފައެވެ. އެ އަހަރު ކެނަބިސް ޓެސްޓަކަށް ޕޮޒިޓިވް ވުމުގެ ސަބަބުން ނާކާމިޔާބީއެއް ކުރިމަތިވި ނަމަވެސް، އިތުރު ހިތްވަރެއް ލައި ކުރިޔެކޭ އެއްގޮތަށް ބޮޑެތި ކާމިޔާބުތައް ހޯދަންފެށިއެވެ.

2023 ވަނަ އަހަރު ބުޑަޕެސްޓްގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި 10.65 ސިކުންތުން 100 މީޓަރުގެ ރޭސްނިންމާ ޗެމްޕިއަންޝިޕް ރެކޯޑެއް ޤާއިމްކުރިއެވެ.އަދި އެމެރިކާ ޓީމްގެ ބައިވެރިއެއްގެ ގޮތުގައި 100×4 މީޓަރު ރިލޭ ރޭސް 41.03 ސިކުންތުގެ ރެކޯޑަކާއިއެކު ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރިޗަރޑްސަން ފުރަތަމަ ބައިވެރި އޮލިމްޕިކްސް ކަމުގައިވާ ޕެރިސް އޮލިމްޕިކްސްގައި ހޯދި ކާމިޔާބުތަކަކީވެސް ވަރަށް ޚާއްސަގޮތެއްގައި ފާހަގަކުރެވުނު ކާމިޔާބީ ތަކެކެވެ. ޕެރިސް ގޭމްސްގައި 100 މީޓަރު ދުވުމުން ރިހި މެޑަލް އާއި 4×100މީޓަރު ރިލޭ އިން ރަން މެޑަލް ހޯދައި، އޭނާއަކީ ދުނިޔޭގެ އެންމެ މަތީފެންވަރުގެ ދުވުންތެރިންގެ ގޮތުގައި ހިމެނޭ އެތުލީޓެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ރިޗަޑްސަންގެ ދުވުމުގެ މައިދާނުގައި ކުރާ މިދަތުރަކީ އޭނާގެ ހުނަރާއި ޢަޒުމާއި ކެތްތެރިކަމުގެ ފުރިހަމަ ހެތްކެކެވެ. އެގޮތުން ޑަލަސްގައި، ދުވުމުގެ ޙަރަކާތުގައި ހޭދަކުރި ފުރަތަމަ ދުވަސްވަރުން ފެށިގެން ދުނިޔޭގެ މައިދާނުގައި ހޯދި ކާމިޔާބީތަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކެއްގެ މީހުންގެ ސަމާލުކަން ހޯދައި، އެތައް ބަޔަކު ނަމޫނާއަކަށް އޭނާ ވަނީ ބަލައިގެންފައެވެ. އަދި ކުރިމަގުގައި، މި ކުޅަދާނަ އެތްލީޓް މުގުރާލާނެ ރެކޯޑްތަކަށް އެތައްބަޔަކު އިންތިޒާރުކުރަމުންދެއެވެ.

ކޮމެންޓް

871x217_placeholder