ގޭސް ސަޕްލައި ކޮށްދީފައި ނުވާތީ ޑުބާއީގެ ކުންފުންޏާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި


10 އޭޕްރީލު 2025 - 07:04
މޯލްޑިވްސް ގޭސް އަށް ގޭސް ސަޕްލައި ކޮށްދެން ޑުބާއީގެ ކުންފުންޏަށް ފައިސާ ދެއްކި ނަމަވެސް ގޭސް ސަޕްލައި ކޮށްދީފައި ނުވާތީ ޑުބާއީގެ ކުންފުންޏައި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.
ޑުބާއީގެ ޖަކްޝާ އެނާޖީ ކުންފުނިން މޯލްޑިވް ގޭހަށް ގޭސް ގަތުމަށްޓަކާ އެޑްވާންސް ފައިސާގެ ގޮތުގައި ކުންފުންޏަށް ދައްކާފައި ވަނީ 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ.
މޯލްޑިވް ގޭހުން ބޭރުގެ ކުންފުންޏަކުން ގޭސް ގެނައުމަށްޓަކައި އެޑްވާން ފައިސާ ދެއްކުމުންވެސް ގޭސް ނުލިބޭ މައްސަލަ ފެންމަތި ކުރުވީ އިއްޔެ އޮތް ރައްޔތުންގެ މަޖިލީހުގެ މަލިއްޔަތު ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
މޯލްޑިވް ގޭހުން ބުނީ ގޭސް ގެނައުމަށްޓަކާ ޑުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 3.7 މިލިއަން ރުފިޔާ ދެއްކީ މިދިޔަ އޮކްޓޫބަރު މަހުކަމަށެވެ. އަދި ކަނޑައެޅި މުއްދަތުގެ ތެރޭގައި ގޭސް ޝިޕްމަންޓު ލިބިފައި ނުވާތީ އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުިކަމަށް މޯލްޑިވް ގޭސް އިން ބުނެ އެވެ.
މޯލްޑީވް ގޭހުގެ އޮފިޝަލަކު މެންދުރު ޓީވީ އާއި ވާހަކަ ދައްކަމުން ބުނީ އެކި ފަހަރު މަތިން މަސައްކަތް ކޮށްގެންވެސް އެޑްވާންސް ފައިސާ ނުލިބުމުން މިހާރު ގާނޫނީ ގޮތުން އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކަމުގައި އެއްވެސް ކަހަލަ ހިޔާނާތެއް ހިންގާފައި ނުވާ ކަން އޭނާ ކަށަވަރު ކޮށްދިނެވެ. އަދި ގޭސް ގަތުމުގައި މުއާމަލާތް ކޮށްފައިވާނީ އެ ކުންފުނިން މީގެ ކުރިންވެސް އަމަލު ކުރަމުން އަން އުސޫލުން ކުންފުނީގެ ޕްރޮކިޔުމެންޓު ޕޮލިސީތަކާ އެއްގޮތަށް ކަމަށެވެ.