logoEN
ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ނިންމައިފި

ހުސައިން ވަސީމްހުސައިން ވަސީމް

10 އޭޕްރީލު 2025 - 07:22

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފްގެ މައްސަލަ ބަލަން ހައިކޯޓުން ނިންމައިފި އެވެ.

ޝަމްއާން ހައްޔަރު ކޮށްފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅި މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާފަ އެވެ. ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް ޝަމްއާންގެ ފަރާތުން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފަ އެވެ. ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކޭތީ އެމައްސަލަ ބެލުމަށެވެ.

މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑީޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝައްމާން ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ޝައްމާން ހައްޔަރު ކޮށްފައި ވަނީ މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ.

ފުލުހުން ބުނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

ބިދޭސީ މީހާގެ އަތުން ފެނުނު ފައިސާ އަޅަފައި ހުރި ކޮތަޅު އަނބުރާ ހަވާލުކުރުމަށް ފަހު އޭގެ ފަހުން އޭ އިމިގްރޭޝަންގެ މުވައްޒަފުން ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގޮސް އިމިގްރޭޝަންގެ ވެހިކަލަކުން ފައިސާ އެޅި ކޮތަޅު ނަގާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

871x217_placeholder