logoEN
ދުނިޔެ

ޙަމަލާތައް ހުއްޓާލުމަށް އިޒްރޭލުގެ ހުށަހެޅުމަކީ ޙަމާސް އިން ހަތިޔާރުތައް ދޫކޮށްލުން

ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާތަކުގައި މުޅި ޣައްޒާ ފުނޑުފުނޑުކޮށްފައި -- ފޮޓޯ: ރޮއިޓާސް

ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާތަކުގައި މުޅި ޣައްޒާ ފުނޑުފުނޑުކޮށްފައި -- ފޮޓޯ: ރޮއިޓާސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

15 އޭޕްރީލު 2025 - 07:20

ނިރުބަވެރި ޔަހުދީ ދައުލަތް އިޒްރޭލުން ، ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާތައް ހުއްޓާލާނީ ޣައްޒާގެ ދިފާއުގައި މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ހަތިޔާރުތައް ދޫކޮށްލުމުން ކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، އިޒްރޭލުން މި ހުށަހެޅުން ހުށަހަޅާފައިވަނީ ޙަމަލާތައް މެދުކަނޑާލުމަށް ޤަތަރާއި މިސްރުން މެދުވެރިއަކަށްވެ ކުރަމުންދާ މަސައްކަތަށެވެ. މި ހުށަހެޅުންތަކަށް އިޒްރޭލުން ވަނީ ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ 11 މީހަކު ދޫކޮށްލުމަށް ވެސް ޙަމާސްއަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުންތަކުގެ ބަދަލެއްގެ ގޮތުން އިޒްރޭލުގެ ދައުލަތުން ހުށަހަޅަނީ 45 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށެވެ. މިސްރާއި ޤަތަރުން މިހާރު ވަނީ އެ ހުށަހެޅުންތައް ޙަމާސްއަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުންތަކާ ގުޅިގެން ޙަމާސްގެ އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހުރީ ވިދާޅުވީ، ޙަމާސްއިން ޣައްޒާގެ މިނިވަންކަމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، އިޒްރޭލުން ޣައްޒާއަށް އަމާޒުކޮށް ޙަމަލާތައްދީ، ޣައްޒާ އަޅުވެތިކުރާހާ ހިނދަކު، ޙަމާސް ދެމި އޮންނާނެ ކަމަށެވެ.

އަދި އިޒްރޭލުގެ އެ ހުށަހެޅުންތަކަކީ ޤަބޫލުކުރެވޭނެ ހުށަހެޅުންތަކެއް ނޫން ކަމަށާއި، އެ ހުށަހެޅުމަކީ އެތައް މިލިއަނުގެ ރަތް ރޮނގުތަކެއް ހުރަސްކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެމެރިކާއާ ގުޅިގެން އިޒްރޭލުން ހިންގަން ބޭނުންވާ ޤަތުލްއާންމު ހިންގުމަށް އެ ދައުލަތްތަކުގެ ވެރިންދެކޭ ހުވަފެނެއް ކަމުގައި ވިދާޅުވެ، އެނާ ވަނީ އިޒްރޭލުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ ހުށަހެޅުންތައް ރިވިއުކުރުމުގެ މަސައްކަތް ހަމާސް އިން ކުރަމުންދާއިރު، ޣައްޒާގައި އިޒްރޭލުން ހިންގާ ޤަތުލް ޢާންމު ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ތިބި އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރަން އިޒްރޭލަށް ގޮވާލާފައެވެ. އެ ގޮވާލުންތަކަށް އިޒްރޭލުން ޖަވާބުދީފައެއް ނުވެއެވެ.

އިޒްރޭލުން އެފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ޣައްޒާގައި އެ ދައުލަތުން ހިންގާ ޤަތުލް ޢާންމުގައި މިހާތަނަށް 51،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށް، 115،000 އަށް ވުރެ ގިނަ މީހުން ޒަޙަމްކޮށްފައެވެ. މި ޙަމަލާތަކުގައި މުޅި ޣައްޒާ ފުނޑުފުނޑުކޮށްފައިވާއިރު، ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ މަގުމަތިކޮށްފައެވެ.

ކޮމެންޓް

871x217_placeholder