logoEN
ޚަބަރު

މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ

15 އޭޕްރީލު 2025 - 09:02

މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިއެވެ.

މިކަން އިއުލާނުކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ.

ޑރ. ޝަހީމް ވިދާޅުވިގޮތުގައި، މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތެއްގެ ނަތީޖާއެކެވެ. މި ދަތުރުފުޅުގައި ޑރ. ޞަލާޙުލްބުދައިރު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި، އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.

ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ، އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާއި، މި ދަތުރުފުޅު ހަމަޖެހިގެން ދިޔުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާންގެ އެހީތެރިކަން ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މި ޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނަމުގައި ޝުކުރު އަދާކުރައްވާ ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތާރީޚެއް އަދި ހާމަކުރައްވާފައި ނުވިނަމަވެސް، މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދީނީ އަދި ޘަޤާފީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

ޑރ. ޞަލާޙުލްބުދައިރުގެ މި ޒިޔާރަތަކީ ދިވެހި ރައްޔިތުންނަށް އިސްލާމްދީނުގެ ޢިލްމާއި ހިދާޔަތުގެ އަލިކަން އިތުރުވެގެންދާނެ ފުރުޞަތެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ. ޚާއްޞަކޮށް އިސްލާމީ މަރުކަޒުގައި އެ މަނިކުފާނު ދެއްވާނެ ހުކުރު ޚުޠުބާއާއި ޢާއްމު ރައްޔިތުންނަށް ދެއްވާނެ ދީނީ ދަރުސަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މި ޒިޔާރަތާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ދަތުރުފުޅާ ގުޅޭ އިންތިޒާމުތައް ރާވައި ހިންގުމުގައި ސަރުކާރުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder