ގަމީހެއް ފަހަން ނަގާ ވަގުތެއް މުންޑެއް ފަހާކަށް ނުނަގާނެ، އެމްޑީޕީ އަށް ރަނގަޅު އެއްގޮތެއްވެސް ނެތް: ފަލާހް


16 އޭޕްރީލު 2025 - 17:14
ރައްޔިތުންގެ މަޖީހުގެ ކޮމެޓީތަކަށް ހުށަހެޅޭ ކަންކަން އަވަހަށް ނިމުމާއި ލަހުން ނިމުން ބިނާވެގެން ވަނީ އެކަމެއްގެ ކުޑަބޮޑު މިނުގެ މައްޗަށް ކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރާއިރު އެމްޑީޕީގެ މެމްބަރުންނަށް ކަމުދާގޮތަށް އެއްވެސް މަސައްކަތެއް ކުރެވޭތަން ނުފެންނަކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ކިންގްޑަމް އޮފް ސްވިޑަންއަށާއި، ރިޕަބްލިކް އޮފް ސީޝެލްސްއަށާއި، އަދި ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.
ފަލާހް ވިދާޅުވީ ކޮމެޓީތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާބޮޑު ދިރާސާއެއް ބޭނުންނުވާ، އެކަމަކާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ހޯދަން ނުޖެހޭ މައްސަލަތައް އަވަހަށް ނިންމާލެވޭ ކަމަށެވެ. ނަމަވެސް ބައެއް މައްސަލަތަކުގެ ޒާތުން ގިނަ ދިރާސާތަކެއް ކުރަންޖެހި، ގިނ ަ ފަރާތްތަކާއެކު މަޝްވަރާކޮށް ހަދާނަމަ އެކަމަށް ވަގުތު ހޭދަވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކަމެއް އަވަހަށް ނިމުނަސް، ލަހުން ނިމުނަސް އެމްޑީޕީގެ މެންބަރުންނަށް ކަމުނުދާކަމަށެވެ.
މިސާލެއްގޮތުން ގަމީހެއް ފަހަން ނަގާ ވަގުތެއް މުންޑެއް ފަހާކަށް ނުނަގާނެ ކަމަށާއި، އެކަމަށް ހޭދަވާވަގުތު ބިނާވަނީ އެކަމެއްގެ ކުޑަބޮޑު މިނުގެ މައްޗަށްކަމަށް ފަލާހް ވިދާޅުވިއެވެ.
‘’މީގައި އަޅުގަނޑަކަށް ނުފެނޭ އެމްޑީޕީ މެމްބަރުންނަށް ރަނގަޅު އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަށް މަސައްކަތެއް ކުރެވޭތަނެއް’’ ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ 20 ވަނަ މަޖިލީހަކީ ވަރަށް މަސައްކަތްތެރި މަޖިލީހެއް ކަމަށް ވިދާޅުވެފައެވެ.