logoEN
ކުޅިވަރު

ނިއުކާސަލް ޕްރީމިއަރ ލީގު ތާވަލުގެ ތިންވަނައަށް

ރޭގެ މެޗުގެތެރެއިން. ފޮޓޯ: ނިއުކާސަ؛ލް

ރޭގެ މެޗުގެތެރެއިން. ފޮޓޯ: ނިއުކާސަ؛ލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

17 އޭޕްރީލު 2025 - 05:12

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނަ މަގާމަށް އަރައިފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓުގައި ޖަހާފައިވަނީ ޖެކޮބް މާފީއެވެ. އޭގެ ފަހުން ޕެލަސްއަށް ލިބުނު ޕެނަލްޓީ ކިކް އެބެރެޗީ އެޒޭ ފޮނުވާލުމުން، ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ ހުނަރުވެރިކަމާއެކު ދިފާއުކޮށްފައެވެ.

ނިއުމޯނިޔާ ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކޯޗު އެޑީ ހޯވޭ ނެތި ކުޅުނު މި މެޗުގައި، 38 ވަނަ މިނިޓުގައި ޕެލަސްގެ ޑިފެންޑަރު މާކް ގުއޭހީ އަމިއްލަ ގޯލަށް ލަނޑެއް ޖެހުމާއެކު ނިއުކާސަލްގެ ލީޑު އިތުރަށް ފުޅާވިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހާވޭ ބާރންސް އާއި ފަބިއަން ޝާ ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރަނގަޅު ފޯމެއްގައި ކުޅެމުންދާ އެލެކްޒެންޑަރ އިސާކް ވަނީ މި ސީޒަނުގެ އޭނާގެ 25 ވަނަ ލަނޑު 58 ވަނަ މިނިޓުގައި ޖަހާފައެވެ. މި މޮޅާއެކު ނިއުކާސަލް ވަނީ 32 މެޗުން 59 ޕޮއިންޓް ހޯދައި، 63 ޕޮއިންޓް އޮތް އާސެނަލްގެ ފަހަތުން ތިންވަނަ މަގާމަށް އަރާފައެވެ.

މި މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އަށް 32 މެޗުން 43 ޕޮއިންޓް ލިބި، އެ ޓީމު ވަނީ ތާވަލުގެ 12 ވަނަ މަގާމުގައި ހިފަހައްޓާފައެވެ.

ކޮމެންޓް

871x217_placeholder