logoEN
ޚަބަރު

ގަން އެއާޕޯޓުގެ މަގުހެދުމުގެ މައްސަލަ ހައްލުކޮށް މަޝްރޫއު ކުރިއަށް

އާމިނަތު ސަފާއާމިނަތު ސަފާ

17 އޭޕްރީލު 2025 - 15:44

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލަ ހައްލުކޮށް މަޝްރޫއު ކުރިއަށް ގެންދެވޭނެ މަގުފަހިވެފައިވާކަން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރކުއާރޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް އަންގާފައިވާކަމަށެވެ.އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަމަށް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

"މި ފުރުސަތުގައި އޭ.އައި.އޭ ގެ މެނޭޖްމަންޓުން މި މައްސަލަ ޙަލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައަރަންމަންޓާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވަމެވެ. މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީޚަށް ޙައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ."

ގަން އެއާޕޯޓު މަޝްރޫޢުގެ 60 އިންސައްތަ މިހާރު ނިމިފައިވާއިރު، އެ މަޝްރޫޢުގެ ތެރެއިން ތަރައްގީކުރާ މަގެއް ހެދުމުގެ މަސައްކަތް ލަސްވެފައިވަނީ އެ ސަރަހައްދުގައި ހުންނަ އައްޑޫ އިީކުއޭޓާ ވިލެޖުގެ ލޭބާކުއާޓާސް އިމާރާތް ހުސްކުރެވިފައި ނުވާތީއެވެ.

މި މައްސަލައިގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ކުންފުނިން ބުނެފައި ވަނީ، އެ ތަނުގެ ބިމާއި، އަލަށް ހަދާ މަގާ ފުށުއަރާއިރު، އެ ބިމުގައި ހުރީ އީކުއޭޓާ ވިލެޖުގެ ވަރަށް މުހިންމު އިމާރާތެއް ކަމަށެވެ. އަދި މި އިމާރާތަކީ އެ ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަނެއް ކަމަށެވެ. މިއާއެކު އެ ކުންފުނިން ބުނެފައިވަނީ ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއިއެކު ގާތުން މަސައްކަތްކޮށް، މި މައްސަލައަށް ހައްލު ހޯދުމުގައި ދެމިތިބޭ ކަމަށެވެ.

މި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ކުންޕެނީގެ މިލްކަކަށްވާއިރު، ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، ކުއްޔަށްދީފައިވާ އެ ބިމުގައި ހުންނަ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅުހަދާފައިވާތީ، އޭއައިއޭ އަށް ތަން ވަނީ ހަވާލު ނުކުރެވިއެވެ.

455.8 (ހަތަރު ސަތޭކަ ފަންސާސް ފަހެއް ޕޮއިންޓު އަށެއް) މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށާފައިވަނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތަކާއި، އާ ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެއެވެ.

ކޮމެންޓް

871x217_placeholder