ޒަމާނީ މަސްވެރިކަމުގެ ޓެކްނޮލޮޖީ ބަދަލުކުރުމާ ގުޅޭ މަޝްވަރާތަކެއް
21 އޭޕްރީލު 2025 - 06:44

ޒަމާނީ މަސްވެރިކަމުގެ ޓެކްނޮލޮޖީ ބަދަލުކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި މަޢުލޫމާތު ޙިއްޞާކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް (ސީއެމްއެފްޓީއޭ) ގެ ދަށުން އެއްބާރުލުން ދެވިދާނެ ދާއިރާތައް ބަލައި ދިރާސާކުރުމަށްޓަކައި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީ ކަންކަމާބެހޭ ޑިޕާޓްމަންޓުގެ ވަފުދެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޒިޔާރަތްކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation
ހުޅަނގު ޗައިނާގައި އިޤްތިޞާދީގޮތުން އެންމެ ހަރަކާތްތެރި ޕްރޮވިންސްތަކުގެ ތެރެއިން އެއް ޕްރޮވިންސްކަމަށްވާ ސިޗުއާންގެ ޖީޑީޕީއަކީ ގާތްގަނޑަކަށް 7 ޓްރިލިއަން ޔުއާންއެވެ. މި ޕްރޮވިންސްގެ އިޤްތިޞާދު ވަރަށް ބޮޑަށް ބިނާވެފައިވަނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރ މައްޗަށެވެ. އެހެންކަމުން، ޗައިނާގެ ގްރާމީ ތަރައްޤީއާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި މިއީ މުހިންމު ދައުރެއް އަދާކުރާ ޕްރޮވިންސްއެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޒިޔާރަތްކުރި ވަފުދުން ވަނީ މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާގައި އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މަސްވެރިކަމާއި ކަނޑުވެރިކަމުގެ ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.