ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން، އެއީ ފަޚްރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
21 އޭޕްރީލު 2025 - 17:25
ދިފާއީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަކީ ފަޚްރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންރައީސް ވިދާޅުވީ، ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ވާ ސަރަޙައްދުތަކަކީ މި ސަރަހައްދުތައް ހިމާޔަތްކުރުމަށް ދިވެހި ސިފައިންގެ މައްޗަށް ޤާނޫން ލާޒިމްކޮށްފައިވާ ކަމެއް ކަމުގައި ވީ ނަމަވެސް، މި ސަރަހައްދު ދިފާއުކުރުމަށް ބޭނުންވާ ވަސީލަތްތައް ދިވެހި ސިފައިންގެ ކިބައިގައި މީގެ ކުރީގައި ޤާބިލްކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ދިވެހި ކަނޑުތައް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ކޯސްޓް ގާޑުގެ އެކި އުޅަނދުތައް ހުރީ ހަލާކުވެ ވީރާނާ ވެފައި ކަމަށާއި، ބޭނުންނުކުރެވޭ ހިސާބުގައި ހުރި އެތައް އުޅަނދެއް ވެސް ހުރި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އަދި ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުނުކުރެވި މިއަދާ ހަމައަށް އެފަދައިން އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވައި ރައީސް ވިދާޅުވީ، ސިފައިންގެ އެ ޤާބިލިއްޔަތު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
ޤާނޫނުން ސިފައިންގެ މައްޗަށް ލާޒިމްވެފައިވަނީ، މި ސަރަޙައްދު ހިމާޔަތްކުރުމަށް އެހެން ނަމަވެސް، އެ ވަސީލަތްތައް ޤާއިމްކުރެވިފައިނުވޭ މިދިޔަ ތަނުގައި. އެހެން ނަމަވެސް އިރާދަކުރެއްވީތީ މިހާރު މިވަނީ އެކަން އެ ޤާބިލިއްޔަތު ގާއިމްކުރުމުގެ މަސައްކަތް ފެށިފައި. އާދެ، ހަމަ އެއާއެކީގައި ކަނޑުގެ މަގުން އަޅުގަނޑުމެންގެ ސަރަޙައްދު ހިމާޔަތްކުރުމާއި ރައްޔިތުންނަށް ދޭންވާ ޙިމާޔަތްތެރިކަން ދިނުމުގައި ވެސް ކެޕޭސިޓީ ވަރަށް ބޮޑުތަނުން އޮތީ އިތުރުކުރަން ޖެހިފައި. ކޯސްޓް ގާޑުގެ އެކި އުޅަނދުތައް ވެސް ހުރީ ހަމަ ހަގީގަތުގައި ވެސް ހަލާކުވެފައި. ވީރާނާވެފައި. ބޭނުން ނުކުރެވޭ ހިސާބުގައި ހުރި އެތައް އުޅަނދެއް ހުރި. މީ އެކަމަކު ފަޚްރުވެރި ދިވެހި ޤައުމު، މިނިވަން ޤައުމެއް. އެވެސް، ހަޤީގަތުގައި ހުންނަންވާ ވަރާ ބަލާއިރުގައި އާރެއް ބާރެއް ނެތިފައި އޮތް ގައުމެއް. ސުވާލުތަކެއް މިއީ. ދިވެހި ރައްޔިތުންގެ ހިތުގައި އުފެދެން ޖެހޭ، އެ ސުވާލުތަކަކަށް ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެއް ކީއްވެތޯ މިއަދާ ހަމައަށް އައިއިރުގައި ވެސް މިކަންކަން މިގޮތުގައި އޮތީ، - ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު
މީގެ އިތުރުން، އެއްގަމުގެ ބާރުގެ ޙާލަތުގެ ވާހަކަތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެއްގަމު ތަކެތިތައް ވެސް ހުރީ ހަލާކުވެފައި ކަމަށާއި، ގިނަ ދުވަސްވެ އެ ތަކެތި ހުރީ ވީރާނާވެ ބަދަލުކުރަން ޖެހިފައި ކަމަށެވެ. އެހެންކަމުން އެއްގަމު އުޅަނދުތަކާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެއާއެކު ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަކީ ފަޚްރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމާ މެދު ލަދު ގަންނަ ފަރާތްތަކަކީ އެ ފަރާތްތަކުގެ ޤައުމީ ލޯތްބާ މެދު ސުވާލު އުފައްދަން ޖެހޭ ފަރާތްތައް ކަމަށާއި، އެފަދަ ފަރާތްތަކަކީ ޤައުމިއްުޔަތުކަމެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުން ވެސް ޤައުމަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ވަރިހަމަ ވިސްނުމެއް ގެންގުޅޭ ފަރާތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި އެފަދަ ވިސްނުންތަކުން ޤައުމު ސަލާމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ ގޮތުން، ޤައުމީ ބާރު ދިފާޢީ ބާރު ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ މި މިނިވަން މުސްތަޤިއްލު ގައުމުގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް. ފަޚްރުވެރިކަމާއެކީ ކުރަން ޖެހޭ ކަމެއް. ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެކަމާ މަލާމާތްކުރާ މީހުންނަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤައުމިއްޔަތުކަމެއް ނެތް، ޤައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ޤައުމަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް. އެ ވިސްނުމުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރުމަކީ އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް، - ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު
އެއާއެކު ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތަކީ ޤައުމީ މަސައްކަތެއް ކަމުގައި ރައީސް ފަހާގަކުރެއްވިއެވެ. އަދި އެ މަސައްކަތް އެމަނިކުފާނު ކުރައްވަނީ ފަޚްރުވެރިކަމާއި އެކުގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ހުރިހާ ބާރަކަށް ކުރިއެރުން ގެނެސްދިނުމުގައި ފަޚްރުވެރިކަމާ އެކީ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ތަސައްވުރަކީ މި މަސައްކަތުގެ ތެރެއިން ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ ވެސް އުފެއްދުންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ހިސާބަށް ދިވެހި އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރުމަކީ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ދަތުރުދިޔަ މީހާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއްނޫން
9 މަސް ކުރިން
މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސްގެ މަސައްކަތްޕުޅުން: މިނިސްޓަރ މާރިޔާ
8 މަސް ކުރިން
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ
8 މަސް ކުރިން