މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. ބުދައިރު، ވަޒީރު ޑރ. ޝަހީމްއާ ބައްދަލު ކުރައްވައިފި
22 އޭޕްރީލު 2025 - 07:14

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން އެމަނިކުފާނު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވަނީ، އެމަނިކުފާނަށް މަރުޙަބާ ދަންނަވާ ވުޒާރާގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވާ ދިވެހިރާއްޖެއަށް ވަޑައިގެންދެއްވިކަމަށް ޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވި ކަމަށް ޓަކައި ވަޒީރު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.