logoEN

އދގެ ޤަރާރަށް ހަ މަސް، ޤަތުލްޢާންމު އަދިވެސް ކުރިއަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

22 އޭޕްރީލު 2025 - 11:30

ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމަށް ނިމުމެއް ގެނައުމަށް ގޮވައިލައި އދގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކުރިތާ ހަ މަސް ފާއިތުވެއްޖެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އޭޕްރިލް 22 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 25 މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރެއިން 11 މީހަކު ޝަހީދު ކޮށްލާފައި ވަނީ އެ ސަހަރުގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައެވެ. އެ މީހުން ޝަހީދުވީ ފިހިގެން ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާގެ މަޞްދަރުތަކުން ހާމަކުރިއެވެ.ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގައި ޢާންމުން ދިރިއުޅޭ ގެދޮރަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތް މެންބަރުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާދީ، ދެ މީހުން ޝަހީދު ކޮށްލާފައެވެ.ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ޚަބަރުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ވަފާ އަދި ޤުދުސް ނޫސް ނެޓްވަރކުން ބުނީ، އެ ސަހަރުގެ މެދުތެރޭގައި އޮތް ދަޔިރް އަލް-ބަލަޙަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގައި ޑޮކްޓަރެއް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

އޮކްސްފެމާއި، މެޑިކަލް އެއިޑް ފޯ ޕަލަސްޓީނިޔަންސް އަދި އެކްޝަންއެއިޑް ފަދަ 30 ޖަމުޢިއްޔާއަކުން ވަނީ ޔަހޫދީންގެ ޤަތުލުޢާންމު ކުށްވެރިކޮށް، އެ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގައި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީޖޭ)ން މީގެ އަހަރެއްހާ ދުވަސް ކުރިން ކަނޑައަޅާފައިވާ ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި، ފަލަސްޠީނުގެ މުސްލިމުން ޔަހޫދީންގެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އދގެ ޢާންމު މަޖިލީހުން މީގެ ހަ މަސް ދުވަސް ކުރިން ގޮވައިލާފައިވާ ކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder