ނަޕޮލީ އިޓާލިއަން ސެރީއާގެ ތާވަލުގެ އެއްވަނައަށް
28 އޭޕްރީލު 2025 - 04:33

އިޓަލީގެ ސެރިއާގައި ރޭ ޓޮރިނޯ އާއި ދެކޮޅަށް ނަޕޮލީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ނަޕޮލީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މޮޅުވުމާއެކު ނަޕޮލީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 74 ޕޮއިންޓު ލިބިފައެވެ.
ޑިއެގޯ އާމަންޑޯ މެރެޑޯނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްކޮޓް މެކްޓޮމިނޭ ޖެހި ދެ ލަނޑުން ނަޕޮލީ މޮޅުވިއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހި މެކްޓޮމިނޭ، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކުރިއެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 11 ވަނަ ލަނޑެވެ.

Ad by Hajj Corporation
ނަޕޮލީ އަށް ތިން ޕޮއިންޓުގެ ލީޑެއް ލިބުނީ ދެވަނައިގައި އޮތް އިންޓަރ މިލާން، ރޭ ރޯމާ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ. މިހާރު އިންޓަރ މިލާނަށް ވަނީ 71 ޕޮއިންޓު ލިބިފައެވެ.
ލީގުގައި ބާކީ އޮތް ހަތަރު މެޗުގައި ލީގު ޗެމްޕިއަންކަމުގެ ވާދަވެރިކަން އޮތީ މި ދެ ޓީމުގެ މެދުގައެވެ. އަދި ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވެއްޖެނަމަ، ލީގު ޗެމްޕިއަންކަން ހޯދާނެ ޓީމެއް ކަނޑައެޅުމަށް އިތުރު މެޗެއް ކުޅެންޖެހޭނެއެވެ. މި މެޗު ކުޅޭނެ ދަނޑެއް ކަނޑައެޅިގެންދާނީ ފައިދާ ގޯލުގެ ތަފާތުންނެވެ.