ސްޓޫޑެންޓް ލޯނުގެ 500 ފުރުޞަތަށް 1300 ދަރިވަރުން ކުރިމަތިލައިފި
1 މޭ 2025 - 14:21

ސްޓޫޑެންޓް ލޯނުގެ 500 ފުރުޞަތަށް ހުޅުވާލުމުން 1300 ދަރިވަރުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށް ހަޔަރަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައި ވަނީ، މިހާރު ކުރިއަށް ގެންދަނީ ލޯނަށް ހުށައެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި ވަރަށް އަވަހަށް އޭގެ ތަފުޞީލު ހާމަކުރައްވާނެ ކަމަށެވެ.

Ad by Hajj Corporation
މަތީ ތަޢުލީމަށް ދޭ ލޯނު ސްކީމަށް ހުޅުވާލީ ހުސްވި ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ އިއްޔެއެވެ.
މި އަހަރު ހުޅުވާލި ލޯނު ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހިމެނޭހެން 500 ފުރުޞަތަށެވެ.
މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލިއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާ އެފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ޕްރޮގްރާމް ފުރިހަމަކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ޚަރަދުތައް ހޯދުމަށް ފުރުޞަތު މި ލޯނުގެ ފުރުޞަތުގެ ތެރެއިން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނަށް އެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަވެއެވެ.
ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ކިޔެވުމަށް ވެސް ލޯން ދޭން ދެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ، މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނަށް ހޮވުނު ފަރާތުން އިޚުތިޔާރުކުރާ އިޢުލާންކުރި ޤައުމަކާއި ކިޔަވަންދާ ޤައުމަކާއި އަޅާކިޔައި ޚަރަދު ކުޑަ ޤައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިޢުލާންކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާރޖް ގެ ގޮތުގައި %1 ހިމެނޭހެންނެވެ.