ބޭރުގައި ކިޔަވާ ދަރިވަރުން ފައިސާ ފޮނުވަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި
8 ޖުލައި 2025 - 12:47

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިވާއިރު ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ނުދޭކަމަށް ސޯޝަލް މީޑީއާގައި ވަނީ އަޑުފެތުރިފަ އެވެ.އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންގެންދާ ކަމަށެވެ.
މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން މެލޭޝިއާ ސަރުކާރން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް ސްކޮލަރޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ދޫކުރަމުންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2 ލައްކަ 18 ހާސް ރުފިޔާ އަހަރަކު ޚަރަދުކުރާ ކުދިންގެ އަތުންނެވެ.
މިކަމާ ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަހުމަދު މީގެ ކުރިން ވިދާޅުވީ މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ތަކުލީފު ނުޖެހޭނެ ގޮތަކަށް ކަންކަން ހަމަޖެހޭނެ ކަމަށެވެ.
މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއްކަމަށެވެ. އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް އަންގާފައި ނެތްކަމަށެވެ. އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށްވެސް ވަޒީރު އޭރު ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2 ލައްކަ 18 ހާސް ރުފިޔާ އަހަރަކު ޚަރަދުކުރާ ކުދިންގެ އަތުންނެވެ.