ފަސޭހަ ބަދަލުތަކަކާ އެކު، ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
1 އޭޕްރީލު 2026 - 12:08

މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދޫކުރާ ސްޓޫޑެންޓް ލޯނަށް، މިއަހަރު ބޮޑެތި އަދި ފަސޭހަ ބަދަލުތަކަކާއެކު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ. މި ފަހަރުގެ ލޯނު ފުރުސަތު ހުޅުވާލާފައި ވަނީ "ނޭޝަނަލް ޓްރޭނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތަކުގެ އިތުރުން، ޓޮޕްއަޕް ލޯނާއި އިންޓާންޝިޕް ހެދުމަށް ބޭނުންވާ ދަރިވަރުންނަށެވެ.
މި އަހަރުގެ ލޯނު ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ލޯނަށް އެދި ހުށަހެޅުމަށް ވަކި ސުންގަޑިއެއް ކަނޑަނާޅައި، މުޅި އަހަރަށް ފުރުސަތު ހުޅުވާލާފައި އޮތުމެވެ. އަދި މި އަހަރު ދޫކުރާނެ ލޯނުގެ ޖުމްލަ އަދަދެއް ވެސް މިނިސްޓްރީން ކަނޑައަޅާފައެއް ނުވެއެވެ. މީގެ އިތުރުން، ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ދާއިރާތަކުން ކިޔަވާނަމަ ލޯނު ލިބޭނެކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.

Ad by Hajj Corporation
ލޯނު ދޫކުރުމުގައި ގެނެސްފައިވާ އިތުރު ބަދަލުތަކަށް ބަލާއިރު، ކުރިން އޮންނަ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" އަދި "އޮންގޮއިން" ކެޓަގަރީ މި އަހަރު ނޯންނާނެއެވެ. މި ދެ ގްރޫޕުގެ ދަރިވަރުން ވެސް މިހާރު އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ އެއް ކެޓަގަރީއަކަށެވެ. ތަފާތުވާނީ ހަމައެކަނި އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކެވެ. ސްލޮޓް ކަނޑައެޅިފައިވާ ދާއިރާތަކާއި ބާކީ ހުރި ސްލޮޓްތަކުގެ އަދަދު މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެއެވެ.
ބޭރު ގައުމުތަކުގައި ކިޔެވުމަށް ލޯނު ދިނުމާ ގުޅޭގޮތުން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، "ހުރިހާ ހަރަދެއް ލޯނުގެ ގޮތުގައި ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ ލޯނު ލިބުނު ދަރިވަރު އިހުތިޔާރުކުރާ އިއުލާންކުރި ގައުމުގެ ހަރަދާއި، ކިޔަވަންދާން ބޭނުން ގައުމުގެ ހަރަދާއި އަޅާކިޔައި ބެލުމަށް ފަހު ދަރިވަރަށް ހަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރައި ފައިސާ ދެއްކުމުގައި ދަރިވަރަށް ތަކުލީފު ކުޑަވާނެ ގޮތަށެވެ،" ކަމަށެވެ.
މިނިސްޓްރީން ވަނީ ލޯނަށް އެދި ހުށަހަޅާއިރު، ކިޔަވަން ބޭނުންވާ ޕްރޮގްރާމުގެ ޕްލޭސްމަންޓާއި ފީގެ ތަފްސީލު ހުށަހެޅުމަށް އެދިފައެވެ. މިއީ އެޕްލިކޭޝަންތައް އަވަހަށް ވަޒަންކޮށް، ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށް ގެނައި ބަދަލެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އަލަށް ކިޔަވަން ފަށަން ގަސްތުކުރާ ދަރިވަރުން ކިޔަވަން ފެށުމަށް ތައްޔާރުވެފައި ލޯނަށް އެދުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

.jpg&w=3840&q=75)
