އާރޓް އެންޑް ކަލްޗަރގެ ދާއިރާއިން މަތީ ތައުލީމަށް ކިޔެވުމަށް ''ލަތާ މަންގޭޝްކަރު '' ސްކޮލަރޝިޕަށް ހުޅުވާލައިފި
9 މާރިޗު 2026 - 14:14

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް ގުޅިގެން، 2026-2027 ވަނަ އަހަރުގެ "ލަތާ މަންގޭޝްކަރު" ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ މި ސްކޮލަރޝިޕަކީ ފަންނާއި ސަގާފަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.

Ad by Hajj Corporation
މި ސްކޮލަރޝިޕްގެ ދަށުން އާރޓް އެންޑް ކަލްޗަރގެ ދާއިރާއިން ދިވެހިރާއްޖެއަށް ޖުމްލަ 10 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.
ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ސްކޮލަރޝިޕް ދޭ ފަރާތް ކަމަށްވާ އިންޑިއާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލާއި، އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ އިރުޝާދުތައް https://a2ascholarships.iccr.gov.in/ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 27 އެޕްރީލު 2026 ވާ ބުދަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
ކޯސްތަކަށް ހޮވޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ ތަނެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން ކަށަވަރު ކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
މީގެ ތެރޭގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، ނާސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ އިދާރާތައް ހިމެނެއެވެ.


