logoEN
ކުޅިވަރު

މެންޗެސްޓަރ ސިޓީ ވުލްވްސް ބަލިކޮށް ތާވަލުގެ ތިންވަނައަށް

ކޭޑީބީ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: މެންސިޓީ

ކޭޑީބީ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: މެންސިޓީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

03 މޭ 2025 - 06:07

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މެންޗެސްޓަރ ސިޓީން ވަނީ ޕްރީމިއަރ ލީގުގެ ތާވަލުގެ ތިންވަނަ މަގާމު ހޯދައިފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކުން ކެވިން ޑި ބްރޭނާއެވެ.

މި މެޗުން މޮޅުވުމާއެކު ސިޓީއަށް ވަނީ މިހާތަނަށް ކުޅުނު 35 މެޗުން 64 ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ބަލިވި ވުލްވްސްއަށް ލިބިފައިވާ 41 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ. ގަދަ ފަހަކަށް ވާދަކުރާ ނިއުކާސަލް ޔުނައިޓެޑަށް 62 ޕޮއިންޓް ލިބިފައިވާއިރު، ނޮޓިންހަމް ފޮރެސްޓާއި ޗެލްސީއަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.

މި ސީޒަނަށްފަހު ސިޓީ ދޫކޮށްލާނެކަން ކުރިން އިއުލާންކޮށްފައިވާ ޑި ބްރޭނާއަށް، މިއީ އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭނެ އެންމެ ފަހު ދެ މެޗުގެ ތެރެއިން އެއް މެޗެވެ. އޭނާ މި ދަނޑުގައި ކުޅޭނެ ފަހު މެޗަކީ މެއި 21 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ބޯންމަތާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ މި ސީޒަނުގައި އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، މި ފަހުން އެ ޓީމު ކުޅުނު މެޗުތަކުގައި ހޯދިފައިވާ ނަތީޖާތަކާމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ސިޓީ ބަލިވެފައި ނުވާކަމެވެ. ސިޓީން އެއް މެޗު އިތުރަށް ކުޅެފައިވާއިރު، މި ހަފުތާގައި އެހެން ޓީމުތައް ކުޅޭ މެޗުތަކަށްފަހު ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ

ކޮމެންޓް

871x217_placeholder