logoEN
ކުޅިވަރު

އާނޯލްޑް ލިވަރޕޫލް ދޫކޮށްލުމަށްފަހު ރެއާލް މެޑްރިޑްއަށް

އާނޯލްޑް ލިވަރޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އޭނާ ވަނީ މީސްމީޑިޔާގައި ހާމަކޮށްފައި.

އާނޯލްޑް ލިވަރޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އޭނާ ވަނީ މީސްމީޑިޔާގައި ހާމަކޮށްފައި.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 މޭ 2025 - 05:42

އިނގިރޭސި ޤައުމީ ޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ލިވަރޕޫލް ދޫކޮށްލަން ނިންމައިފިއެވެ. 20 އަހަރުދުވަހު ކުލަބުގައި ހޭދަކޮށްފައިވާ ލިވަރޕޫލް އަށް އުފަން ލިވަރޕޫލްގެ އެކަޑެމީ ކުޅުންތެރިޔާ، ލިވަރޕޫލް ދޫކޮށް ރެއާލް މެޑްރިޑް އަށް ބަދަލުވާ ޚަބަރާއެކު ލިވަރޕޫލުގެ ސަޕޯޓަރުން ތިބީ ޝޮކެއްގައެވެ.

އާނޯލްޑްގެ މިނިންމުމަކީ މާކުރިންވެސް ނިންމާފައިވާ ނިންމުމެއްކަމަށް ރިޕޯޓްކުރާ ފަރާތްތަކުން ހާމަކުރެއެވެ. އެގޮތުން ލިވަރޕޫލުން މީގެ އެއް އަހަރުކުރިން އައު ކޮންޓްރެކްޓެއް ހުށަހަޅައި، ޕްރީމިއަރ ލީގުގެ އެންމެ މުސާރަ ބޮޑު ޑިފެންޑަރަށް ހަދަން ހުށަހެޅިނަމަވެސް އެހުށަހެޅުމަށް އާނޯލްޑްވަނީ ނޫނެކޭ ބުނެފައެވެ. މިޖޫންމަހުގެ 30 އަށް އާނޯލްޑްގެ ކޮންޓެރްކްޓް ހަމަވާއިރު، އޭނާ ރެއާލް މެޑްރިޑްއަށް ބަދަލުވަނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. މިއީ ލިވަރޕޫލްގެ މެނޭޖްމަންޓަށް ވަކިން ޚާއްސަކޮށް ލިވަރޕޫލް ގެ ސަޕޯޓަރުންނަށް ޚަޖަމްކުރަން އުނދަގޫ ވާހަކައެވެ.

ރެއާލް މެޑްރިޑްއަކީ އިނގިރޭސި ވިލާތުން ބޭރުގައި ލިވަރޕޫލާއި އެންމެ ވާދަވެރި އެއްްކުލަބެވެ. އެގޮތުން ވޭތުވެދިޔަ 8 ވަރަކަށް އަހަރުތެރޭގައި ރެއާލް އިން ވަނީ ލިވަރޕޫލް ޗެންޕިއަންސް ލީގު ފައިނަލުގައި ދެފަހަރަށް ބަލިކޮށް، އަދި ދެފަހަރެއްގެ މަތިން މިމުބާރާތުން ލިވަރޕޫލް ކަޓުވާލާފައެވެ. އެހެންކަމުން ލިވަރޕޫލަށް އުފަން އެކަޑެމީ ކުޅުންތެރިއެއް ހިލޭ ޓްރާންސްފަރ އެއްގައި ރެއާލް އަށް ބަދަލުވުމަކީ ލިވަރޕޫލް ސަޕޯޓަރުންނަށް ބަލައިގަންނަށް އުނދަގޫ ނިންމުމެކެވެ.

އާނޯލްޑަކީ ކުލަލިވަރޕޫލްގެ ޔޫތު އެކަޑަމީން ފެށިގެން، ދުނިޔޭގެ އެންމެ މޮޅު ރައިޓް ބެކުންގެ ތެރެއިން އެކަކަށް ވެފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ލިވަޕޫލްއާއެކު ދެ ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގް އަދި ކުލަބް ވޯލްޑް ކަޕް ހޯދާފައެވެ.

Arnold beynunvanee 2025 gai Real Madrid ah soi kuranFacebookViberTelegramXWhatsApp

"މި ކުލަބަކީ އަހަރެންގެ މުޅި ހަޔާތް - އަހަރެންގެ މުޅި ދުނިޔެ - 20 އަހަރު ވަންދެން. އެކަޑަމީން ފެށިގެން މިހާތަނަށް، ކުލަބުގެ އެތެރެއާއި ބޭރުން ލިބުނު ލޯތްބާއި އެހީތެރިކަން އަބަދުވެސް ހަނދާނުގައި ބާއްވާނަން. އަހަރެން އަބަދުވެސް ތިޔަ އެންމެންނަށް ދަރުވެރިވެފައި ހުންނާނަން،" އެލެކްސެންޑަރ-އާނޯލްޑް މީސްމީޑިޔާގައި ލިވަރޕޫލްގެ ސަޕޯޓަރުންނަށް ދީފައިވާ މެސެޖުގައިވެއެވެ.

"އެހެންނަމަވެސް، އަހަރެންނަށް އެހެން އެއްވެސް އެއްޗެއް ނޭނގެ. މި ނިންމުމަކީ އައު ގޮންޖެހުމެއް ތަޖުރިބާކުރުމަށް، އަހަރެން ކޮމްފަޓް ޒޯނުން ބޭރަށް ނެރެ، ޕްރޮފެޝަނަލް އަދި އަމިއްލަ ގޮތުން ކުރިއަށް ދިއުމަށް ނިންމި ނިންމުމެއް،" އޭނާ އިތުރަށް ބުންޏެވެ.

26 އަހަރުގެ އާނޯލްޑް ރެއާލް މެޑްރިޑް އަށް ބަދަލުވުމުގައި އެންމެ ބޮޑޫ ރޯލެއްް އަދާކޮށްފައިވަނީ އޭނާގެ ބެސްޓް ފްރެންޑް އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ބެލިންގްހަމް ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

ރެއާލް އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައި ކުޅޭ ކުލަބް ވޯލްޑްކަޕްގެ ކުރިން އާނޯލްޑް ޓީމާއި ގުޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމުެވެ. ނަމަވެސް ލިވަރޕޫލްގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ މަހުގެ 30 ގައި ކަމަށްވުމުން، އޭގެ 2 ހަފްތާކުރިން އާނޯލްޑްގެ ސޮއި ހޯދަން ބޭނުންވާނަމަ، ކޮންމެވެސް ވަރެއްގެ ފީއެއް ލިވަރޕޫލަށް ދައްކަންޖެހޭނެކަމަށް ބެލެވެއެވެ.

ކޮމެންޓް

871x217_placeholder