މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމެޓީން ނިންމީ އަޒްމިރަލްދާ ހާޒިރުނުކުރުމަށް


10 މޭ 2025 - 14:30
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމަށް ފަނޑިޔާރު އަަޒްމިރަލްދާ ހާޒިރު ނުކުރުމަށް ފާސްކޮށްފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ފަނޑިޔާރު އަޒްމިރަލްދާ ވަކި ކުރުމަށް ފޮނުވާފައިވާ މައްސަލަ ވަނީ ދިރާސާ ކޮށްފައެވެ. މިއަދުގެ ބައްދަލުވުމުގައި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމާ މެދު ބަހުސް ކޮށްފައެއް ނުވެއެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ހުށަހަޅުއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ.އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކި ކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ މިދިޔަ ހަފްތާއެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރަން މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރަތަމަ ހުށަހެޅުއްވީ ފަނޑިޔާރާ ގުޅޭ ގޮތުން ފޮނުވާފައިވާ މައްސަލައިގައި އިޖުރާއީ ކަމެއް ފާހަގަ ނުކުރެވޭތީ، މައްސަލަ ތަޅުމަށް ފޮނުވާށެވެ.
ކޮމިޓީއަށް ފަނޑިޔާރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހާޒިރުކުރަން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމާ މެދު ވޯޓަށް އެހުމުން ފާހެއް ނުވި އެވެ. އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެކަންޏެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.