logoEN
ރިޕޯޓް

ރަންބިސްއަޅާ އިތުރު ކުކުޅެއް

އަޙްމަދު ރިޟްވާންއަޙްމަދު ރިޟްވާން

17 ސެޕްޓެމްބަރު 2024 - 05:33

މި މަހުގެ ނަވާރަވަނަ ދުވަހަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ދުވަހެކެވެ. އެދުވަހު ރާއްޖޭގަ ބައިނަލްއަގްވާމީ ފެންވަރަށް ބަންކަރިންގެ ޚިދުމަތް ފެށިގެން ދިއުމަކީ ޤައުމުގެ އިޤުތިސާދުގެތެރެއަށް އަލަށް ފޭދިގެންދާ ސިނާއަތެކެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމާއިބެހޭ އިދާރާތަކުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިގޮތުން އިހަވަންދިޕޮޅުގައި މިހާރުވަނީ އައިޕީއެސްގެ ނަމުގައި ގޭޓްވޭއެއް ގާއިމްކޮށްފައެވެ. މި ގޭޓްވޭގެ އޮފީސް އިމާރާތް ހއ.އުލިގަމުގައި ޤާއިމްކޮށްފައިވާއިރު ޤައުމީ ދިފާއީބާރު އެމްއެންޑީއެފް އާއި އިމިގުރޭޝަން އަދި ކަސްޓަމްސް ގެ އިތުރުން އެމްޕީއެލް މިހާރު ގާއިމްވެ އެބަތިއްބެވެ. އަދި އެކަމަށް މުވައްޒަފުން ނަގާ ތަމްރީންނުކުރެވި ވަސީލަތްތައް މިހާރުވަނީ ގާއިމްކޮށްފައެވެ.

އިޤްތިޞާދީ ދުވެއްޔަށް ވާނެ ގޮތް

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާއި އެކު އެއްބަސްވުމުއް އެކުލަވާލައި މަސައްކަތް ފެށީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. ވިޓޯލްއާއި އެސްޓީއޯ ގުޅިގެން ބަންކަރިން ޚިދުމަތް ދިނުމަށް 4،000 ޓަނުގެ ތެޔޮ އުފުލޭނެ ދެ ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި މަސްރޫއުގެ ދަށުން ބަންކަރިންގެ ޚިދުމަތުން ފޯރުކޮށްދޭ ތެލުން އެކަނި ރާއްޖޭގެ އިޤުތިސާދުގެ ތެރެއަށް 400 މިލިއަން ޑޮލަރު ދިވެހި ރުފިޔާއިން ބަލާކަމަށްވާނަމަ 6 ބިލިޔަން ރުފިޔާ އަހަރަކު ވަންނާނެކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަންދާޒާ ކުރެއެވެ. އެހެންކަމަށްވާނަމަ މިއީ އިޤުތިސާދީ އާ ސިނާއަތެއްގެ ފެށުމެވެ. މި މަޝްރޫއާ އެކު ކުދި ވިޔަފާރިތަކަށް ވެސް ދިރުން ލިބި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދޭނެ އެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

undefinedފޮޓޯ: ޔޫ.އެމް.އެސް

އެމް.ޕީ.އެލް ތައްޔާރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސް ވަނީ ބަންކަރިންގެ ޚިދުމަތް ދިނުމަށް ތައްޔާރީތަކެއްވެފައެވެ. މިގޮތުން ޔޫ އެމްއެސް ގެ ނަމުގައި ވެބްސައިޓެއް ލޯންޗްކޮށް އެމްޕީއެލްއިން ފޯރުކޮށްދޭނެ 14 ޚިދުމަތެއް ވެބްސައިޓުން ލިބޭނެގޮތް މިހާރުވަނީ ހަދާފައެވެ. އަދި މީގެ ކޮންމެ ޚިދުމަތަކުން ނަގާނެ އަގުތަށްވެސް ވަނީ އެ ވެބުސައިޓުގައި ހިމަނާފައެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ދެކެވަޑައިގަންނަވާގޮތުގައި މި މަސްރޫޢުވެގެންދާނީ އިޤުތިސާދުގެ ތިންވަނަ ސިނާއަތަށެވެ. މެރިޓައިމް ރޫޓްސްއަށް ބަލާއިރު ގަލްފް އޮފް އެލަންގެ ރޫޓުން ދަތުރުކުރާ ބޯޓުފަހަރު ދަތުރުކޮށްފައިދަނީ އިހަވަންދިއްޕޮޅުގެ ތެރެއިންކަމަށާއި ދުވާލަކު އެމަގުން އެތަށް ބޯޓެއް ދަތުރު ކުރާއިރު މި މަޝްރޫއަކީ ރާއްޖެއަށް މާކެޓް އޮތް ދާއިރާއެކަމަށް ވަޖީހު ވިދާޅުވިއެވެ.

ކަމުގެ މާހިރުން ބުނަނީ ކީކޭ؟

ޖިއޮގުރަފީގޮތުން ރާއްޖެ އޮތް ސަރަހައްދަކީ މެރިޓައިމްގެ ދާއިރާއިން ބޮޑެތި މަންފާތަކެއް ލިބޭ ނަފާނެރެވިދާނެ ސަރަހައްދެކެވެ. ފާއިތުވި ސަރުކާރުތަކުން ބަންކަރިންގެ ޚިދުމަތް ތަފާތު ގޮތްގޮތަށް ދިނުމުގެ ވިސްނުންތައް ގެންގުޅުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެނެވިފައެއްނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ އެކަމަށް އަމަލީ ސިފައެއް ގެނެސް އެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައެވެ. މެރިޓައިމް ދާއިރާގައި ހަރަކާތްތެރިވާތާ 30 އަހަރުވެފައިވާ ކެޕްޓަން މުހައްމަދު ޝަރީފް ( ސެންކޯ ) ފާހަގަ ކުރައްވާ ގޮތުގައި މިއީ ރާއްޖޭއިން އަޅާ މުހިންމު ފިޔަވަޅެކެވެ. އަދި މި ސިނާއަތަކީ އިޤުތިސާދުގައި ޓުއަރިޒަމް ސިނާއަތާ އެއްވަރަށް މަންފާ ނެރެވިދާނެ ސިނާއަތެއްކެވެ. އެކަމުގެ މިސާލު ދައްކަވާ ޝަރީފް ވިދާޅުވީ ސިންގަޕޫރު ސިންގަޕޫރަކަށްވީ މެރިޓައިމްގެ ދާއިރާ ތަރައްޤީކޮށްގެންކަމަށެވެ. އަދި އެކަމަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަށް އަވަހަށްއެކުލަވާލާ އެ ސިނާއަތް ތަރައްޤީކުރަންޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ގެ ވާހަކަތަކަށް އިތުރަށް ބާރުލިބެނީ މެރިޓައިމްގެ ދާއިރާގެ ތަޖުރިބާކާރު އަދި ފާއިތުވި ސަރުކާރުގައި އެސްޓީއޯގެ މޭޖިންނގ ޑިރެކްޓަރ ކަމުގައި ހުންނެވި ޢަބްދުﷲ ސަޢީދުގެ ވާހަކަތަކުންނެވެ. ސައީދު ވިދާޅުވީ ސަރުކާރުން އެ އަންދާޒާ ކުރާ އަދަދުތަކަކީ ހަމަ ރަނގަޅު އަދަދު ތަކެއްކަމަށާއި އެ އަދަދުތަކަށްވުރެވެސް ރަނގަޅު އަދަދުތަކެއް މި ސިނާއަތުން ނެރެވިދާނެ ކަމަށެވެ.

" ޖިޔޯ ޕޮލިޓިކްސް ވަރަށްބޮޑަށް ބަދަލުވެއްޖެ. ރެޑްސީގައި ހަމަލަތަކެއްދޭތީ ޝިޕިންގެ ރޫޓިންގްބަދަލުވެއްޖެ. ކުރީގަ އޮތް ގޮތަކަށް ނޫން މިހާރު އޮތީ . އޭގެ ސަބަބުން އަޅުގަނޑުމެންނަށް ފައިދާތަކެއް ވާނެ. ގިނަ ބަޔަކު ލޯންގަރ ވޮޔޭޖަސް ނިންމާކަމަށްވަންޔާއި، މިޑް ވޮޔޭޖަސް ގެ ބަނކަރިންގ އަށް އޮޕަޗުނިޓީސް ބޮޑުވާނެ . ކަންކަން ހިނގާދިޔަގޮތުން ސެޓް ރޫޓެއްގައޮތް ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ޔޫރަޕުން ފުރައިގެން ސުވޭސްކެނެލް ހުރަސްކޮށް ރަތްކަނޑުން ކުރަމުން ދިޔަ ދަތުރު މިހާރު ކުރަންޖެހިފަ މިއޮތީ އެފްރިކާ ވަށާލާފަ ދަތުރުކުރާގޮތަށް. ކޮންމެ ގޮތެއްވިޔަސް އަންދާ ތެޔޮގިނަވާނެ. ތެޔޮ އަޅަންޖެހުމުގެ ފުރުސަތު ބޮޑުވާނެ . އަޅުގަނޑުމެން ކަހަލަ އަލަށް ފަށާ ބަޔަކަށް، އަދި ދަތުރުގެ މެދުގަ އޮތް ބަޔަކަށް އެފުރުސަތު ބޮޑުވާނެ . އެހެންކަމަށްވަންޏާ މިހާރު އަންދާޒާ ކުރާވަރަށްވުރެ ރަނގަޅު އަދަދެއް ނިކުންނާނެ. އެމްޕީއެލްއިން ދޭ 14 ހިދުމަތާއިއެކު ވަރަށް ރަނގަޅު އަދަދެއް ނިކުންނާނެ. އެއީ ޑިސައިޑިން ފެކްޓަރޔަކީ. އެސްޓިޔޯއިން ވަރަށް ރަނގަޅު ޕާޓީއަކާއި އެކަން އެކަންކުރަނީ .ވިޓޯލް އަކީ ދުނިޔޭގަވެސް މިކަމުގަ ފުންނާބުއުސް ކުންފުންޏެއް ވިޓޯލް އަކީ .ވިޓޯލްގެ އެގްޒިސްޓިން ނެޓްވޯކުގެ ތެރެއިން ރާއްޖެއަކީ މި ޚިދުމަތްތަށް ލިބެން ހުރި ތަނެއްކަން ވަރަށް ފަސޭހައިން އިނގިގެންދާނެ" ކަމަށް ސައީދު ވިދާޅުވިއެވެ.

އޮފްޝޯކޮށް ބަންކަރިންގެ ޚިދުމަތް 19 ވަނަ ދުވަހު ފަށާއިރު މި މަސްރޫއު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވީ ކުރައްވަމުން. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިޒް އިއުލާންކުރައްވާފައި އެ އޮތް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ތެރެއިން ދާއިމީ ބައިނަލްއަގްވާމީ ތެޔޮ ސްޓޯރޭޖް ޓާމިނަލެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައި ވާކަމަށް އިޤުތިސާދާ ބެހޭ ވަޒީރު ދާދިފަހުންވެސް މީޑިޔާގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder