logoEN
ޚަބަރު

ދޮޅު އަހަރަށްވުރެ މުއްދަތު ކުރުނަމަ ބައި-އިލެކްޝަންތައް ބާއްވަން ނުޖެހޭގޮތް ހަދަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

13 މޭ 2025 - 11:08

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކުގެ ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ދައުރު ނިމެން 548 ދުވަހަށް ވުމުން ބައި-އިލެކްޝަން ބާއްވަން ނުޖެހޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހަށް މިއަދު ވަނީ ބަހުސްކޮށްފައެވެ. މި ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ 2000 ނުވަތަ 1500 އަށްވުރެ ދަށް އާބާދީތަކަށް ކޮންމެހެން 5 ކައުންސިލަރުން ބޭނުންނުވާ ކަމަށެވެ.

އެހެންކަމުން އެއް ކައުންސިލަރަކު އިސްތިއުފާދެއްވި ނަމަވެސް، ރަށަށް ބޭނުންވާ ކަންކަމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މިންވަރަށް ކައުންސިލަރުން ތިއްބަވާނެކަމަށާއި އިންތިޚާބު ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަނެއް ބޭއްވުން ކޮންމެހެން މުހިންމުނޫންކަމަށް ފަލާހު ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް މިދިޔަ އަހަރު ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭގެކުރިން ގާނޫނު އޮތް ގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބޭއްވުން ލާޒިމް ކުރެއެވެ.

މި ބަދަލާއެކު ކައުންސިލްގެ ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމު ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުން ލާޒިމް ވާނެއެވެ.

ކޮމެންޓް

871x217_placeholder