ޔުނައިޓެޑު ބަލިކޮށް ޗެލްސީ 2 އަހަރުފަހުން ޗެންޕިއަންސް ލިގަށް ލޮކިފައިވުމާ ގާތަށް

ރޭގެ މެޗުގެ ހަމައެކަނި ގޯލު ކުކުރެއްލާ ޖަހަނީ

17 މޭ 2025 - 05:43
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޗެލްސީން ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ ރީސް ޖޭމްސް ނަގައިދިން ހުރަހަކުން މާކް ކުކުރެޔާ އެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއެކު، 37 މެޗުން 66 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމަށް އަރައި، ޗެމްޕިއަންސް ލީގުގެ ޖާގައަކާ ވަރަށް ކައިރިވެފައިވެއެވެ. އެހެންނަމަވެސް، ގަދަ ހަތަރަށް ވާދަކުރާ ހަ ޓީމުގެ ތެރެއިން ހަތްވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް އެއް މެޗު މަދުން ކުޅެ 65 ޕޮއިންޓް ލިބިފައިވާއިރު، ވާދަވެރިކަން ވަނީ ވަރަށް ގަދަވެފައެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް މި ސީޒަނުގައި ދިމާވެފައިވަނީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ދަށް ނަތީޖާތަކެކެވެ. 37 މެޗުން އެ ޓީމަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. މިއާއެކު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އަދި މިއީ އެކުލަބުގެ ތާރީޚުގައި ލީގުގައި ޖެހިޖެހިގެން ކުޅުނު 8 މެޗުން އެއްވެސް މެޗަކުން މޮޅުނުވި ފުރަތަމަ ފަހަރެވެ.
މެޗުގައި ދެ ޓީމަށްވެސް ލިބުނު ފުރުސަތުތަކުގެ ތެރޭގައި، ޔުނައިޓެޑްގެ ހެރީ މެގުއާ ޗެލްސީގެ ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު އޮފްސައިޑްގެ ގޮތުގައި ބާތިލުކުރިއެވެ. އަދި ދެވަނަ ހާފުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްވެސް ވީއޭއާރުން ވަނީ ބާތިލުކޮށްފައެވެ.
ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޗެލްސީ ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ރަށުން ބޭރުގައެވެ. މި މެޗަކީ ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
9 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
8 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
8 މަސް ކުރިން