logoEN
ކުޅިވަރު

ޔަމާލް ބާސެލޯނާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް ހެދުމަށް ޑިމާންޑްކުރަނީ

ލަމީން ޔަމާލް އިންޓަރ މިލާން އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ލަމީން ޔަމާލް އިންޓަރ މިލާން އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

22 މޭ 2025 - 08:50

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ އެޖެންޓުން އޭނާއަކީ ކްލަބުގެ އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިޔަކަށް ހެދުމަށް މަސައްކަތްކުރާކަން ހާމަވެއްޖެއެވެ. މިކަން ކޯޕޭގެ ނޫސްވެރިޔާ ވިކްޓަރ ނަވާރޯ ހާމަކޮށްފައިވާއިރު، ފަބްރީޒިއޯ ރޮމާނޯވެސް ވަނީ މިކަން ރިޕޯރޓްކޮށްފައެވެ.

ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ ޔަމަާލްގެ ކޮންޓްރެކްޓް މިއަހަރުގައި އާކުރަން މަސައްކަތްކުރާއިރު، ޔަމާލްގެ އޭޖެންޓުން ސީޒަނަކަށް 40 މިލިޔަން ޔޫރޯ ޑިމާންޑްކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޔަމާލްއަށް އަހަރަކު 30 މިލިއަން ޔޫރޯގެ އަސާސީ މުސާރައާއި، 10 މިލިއަން ޔޫރޯ އެއްބަސްވުން އައުކުރުމުން ލިބޭނެއެވެ. ޓެކްސް އުނިކުރުމަށްފަހު ޔަމާލްއަށް އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ޔޫރޯ ލިބޭނެއެވެ.

ޔަމަލްގެ އެޖެންޓު ބުނެފައިވަނީ ޔަމާލް އަކީ ޓީމުގައި އެންމެ މުހިންމު ކްރިއޭޓިވް ކުޅުންތެރިޔާ ކަމަށާއި، އިންޓަވިއުތަކަށް އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔާ ކަމަށެވެ. އަދި އޭނާއަކީ ކުލަބުގެ އެންމެ މާކެޓިންގ ރަނގަޅު ކުޅުންތެރިޔާ ކަމުގައި ބުނެފައިވެއެވެ. އަންނަ ސީޒަނުގައި ޔަމާލް ނަންބަރު 10 ޖާރސީ ލިބުމާއެކު ކްލަބަށް މާލީގޮތުން އެންމެ ބޮޑު ފައިދާއެއް ކުރާނެ ކުޅުންތެރިޔާވެސް ކަމަށް އޭޖެންޓުން ޤަބޫލުކުރެއެވެ.

މިވަގުތު ކްލަބުގެ އެންމެ މަތީ މުސާރަ ލިބޭ ކުޅުންތެރިންނަކީ ރޮބަޓް ލެވަންޑޮވްސްކީ އާއި ފްރެންކީ ޑި ޖޯންގްއެވެ. އެހެންކަމުން ޔަމާލް ބޭނުންވަނީ މިވަގުތު ކުލަބުގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް ވުމަށްކަމަށް ރިޕޯރޓްތައް ބުނެއެވެ.

ޔަމާލްގެ އުމުރަކީ އަދި އެންމެ 17 އަހަރުކަމަށްވާއިރު، މިހާ އަވަހަށް އެވަރުގެ ކޮންޓްރެކްޓެއް ދީފިނަމަ، ދުރު މުސްތަޤުބަލަށް ކުލަބުގެ މާލީޙާލަތަށް ބޮޑު އަސަރެއް ކުރާނެކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ލަޕޯޓާ ބުނާގޮތުގައި ޔަމާލްގެ އެއްބަސްވުމުގެ ހުރިހާ ކަމެއް ނިމި، ހަމައެކަނި ސޮއިކުރުން ބާކީ އޮތްނަމަވެސް، ޕަރުދާ ފުރަގަހުގައި ކަންކަން އޮތީ މާ ބޮޑަށް އުނދަގޫކޮށެވެ. ޔަމަލްގެ މުސާރަ މަތީ ފަންތިއަށް ބަދަލުކުރުމަށްޓަކައި ލެވަންޑޮވްސްކީ، ޓެރް ސްޓެގެން އަދި ޑި ޖޯންގް ފަދަ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ޖެހިދާނެއެވެ. މިކަމަށް އެ ކުޅުންތެރިން އިންކާރުކޮށްފިނަމަ، ކްލަބުގެ މުސާރައިގެ ކެޕް ހިފެހެއްޓުމަށް ދަތިވެ، މެނޭޖްމަންޓަށް އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިދާނެއެވެ.

ބާސެލޯނާއަށް ވޭތުވެދިޔަ 7 ވަރަކަށް އަހަރު މާލީބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިހާރު އެ އުނދަގޫތަކުން އަރައިގަނެވިފައިވާކަމަށް ދާދިފަހުން ކުލަބުގެ ރައީސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޔަމާލް ގެ ކޮންޓްރެކްޓާއި ގުޅިގެން ކުލަބަށް މިހާރުވަނީ އުނދަގޫ ނިންމުންތަކެއް ނިންމަންޖެހިފައެވެ.

ކޮމެންޓް

871x217_placeholder