logoEN
ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހް ކުރުމަށް ސައޫދީގެ ވަފުދު ރާއްޖެ ވަޑައިގަންނަވައިފި

ހުސައިން ވަސީމްހުސައިން ވަސީމް

24 މޭ 2025 - 09:14

މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙް ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މިއަދު މެންދުރު ރާއްޖެ ވަޑައިގެންނެވި މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސް ބޭފުޅުންނެވެ.

މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ފޮރިން މިނިސްޓްރީ އަދި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުން ހިމެނެ އެވެ.

މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހު ކުރުމުގެ ޖަލްސާއަށް ސައޫދީ އަރަބިއްޔާއިން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފްކުރާ މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރުމަށް ސައޫދީ ސަރުކާރުން ނިންމީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އެގޮތުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެ އެވެ.. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ. މިއީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބެމުންދާ ހިދުމަތްތައް ލުއި ފަސޭހަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

871x217_placeholder