logoEN
ޚަބަރު

ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓް ބާރުބޮޑުވާނެތީ ދުރާލާ ތައްޔާރުވާން އެދިއްޖެ

ހުސައިން ވަސީމްހުސައިން ވަސީމް

24 މޭ 2025 - 14:19

މި އަހަރު ހައްޖުގެ އަޅުކަމަށް ހައްޖުވެރީން ފުރާ ދުވަސްތަކުގައި އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުވާނެކަމަށް ބެލެވޭތީ، އެ ދުވަސްތަކުގައި އެއަރޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ހައްޖުގެ އަޅުކަމަށް ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ. މި ދުވަސްތަކުގައި އެއާޕޯޓްގެ ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ދުަސްތަކުގައި އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ފުރަންދާ މީހުންނަށް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ އެ ދުވަސްތަކުގައި އެއާޕޯޓަށް ފުރަން ދާ މީހުން ދުރާލާ ތައްޔާރުވެ ފުރުމުގެ ކަންކަން އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހައްޖުވެރިންނާއެކު އެއާޕޯޓަށް ޒިޔާރަތްކުރާ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭކަމަށް ފުލުހުން ބުނެ އެވެ.

މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް 1،000 ކޯޓާ ވަނީ ލިބިފަ އެވެ. މީގެއިތުރުން ހައްޖުވެރިންނަށް ހާއްސަ އިންތިޒާމްތަކެއް ސަރުކާރުން ވަނީ ސައުދީ ސަރުކާރާ ގުޅިގެން ހަމަޖައްސައިދީފައެވެ. އެގޮތުން ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކުރުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ވަޑައިގަތުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަން ހޯދައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder