logoEN
ޚަބަރު

ޑްރަގް އެތެރެކުރަން އުޅުނު ބޯޓު ކެޕްޓަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

25 މޭ 2025 - 02:26

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ ޑްރަގް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން ބޯޓުގެ ކެޕްޓަންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ޖަހައިފިއެވެ.

ކަނޑުމަގުން "މުތާ ޑައިމަންޑް" ކިޔާ ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 21ވަނަ ދުވަހުގައެވެ.

މި ބޯޓު ކެޕްޓަނަކީ އިންޑޮނޭޝިއާގެ ރައްޔިތެއްކަމަށްވާ ނަސްވާން އަދީލް އެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

އެ އަމުރުގައިވާގޮތުން މި މުއްދަތު އިތުރުކުރީ ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ވަނީ އޭނާގެ ކެޕްޓަންކަމުގައި ރާއްޖެ އައި ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން އެ ބޯޓުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭކަމަށް ބުނި ނަމަވެސް، ކެޕްޓަންގެ ޒިންމާއިން ބަރީއަވެވިދާނެކަމަށް ނުދެކޭ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މާޗު 21 ވަނަ ދުވަހުގެ ރޭ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަތް ކިލޯ އަށް ވުރެ ގިނަ ތަކެތި ހޯދި އެވެ. އެ މައްސަލައިގައި 10 މީހުން ހައްޔަރުކުރި އެވެ. އެއީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ.

ކޮމެންޓް

871x217_placeholder