logoEN
ޚަބަރު

ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފެށުމަށް ދެ ފަރާތަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދޫކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

27 މޭ 2025 - 15:57

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދޫކޮށްފިއެވެ.

މި ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑ (އެމްއެފްއެލްސީ) އަށާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

އެމްއެފްއެލްސީ އަށް މި ހުއްދަ ދޫކޮށްފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކްގެ ނަމުގައި ޓިއަރ 1 ބޭންކަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި ހުއްދަ ދީފައިވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއަރ 1 ބޭންކެއް ޤާއިމްކުރުމަށެވެ.

އެމްއެމްއޭ އިން މައުލޫމާތު ދެއްވިގޮތުގައި، މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ދިވެހިރާއްޖޭގައި ބޭންކިންގ ޚިދުމަތް ދިނުމުގެ ހުއްދަ ދެވޭނެއެވެ.

މި ހުއްދަތައް ދޫކުރެވިފައިވަނީ ދިވެހިރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމްއެމްއޭ އިން ވިދާޅުވިގޮތުގައި މިއީ ރާއްޖޭގައި މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

މި ހުއްދަތައް ދޫކުރެވިފައިވަނީ 19 މޭ 2025 ވަނަ ދުވަހުއެވެ. މިއާއެކު، ރާއްޖޭގެ ބޭންކިންގ ސެކްޓަރަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ލިބޭ މާލީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް

871x217_placeholder