logoEN
ޚަބަރު

މިއަަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް، އީދު ވާނީ މިއަންނަ މަހުގެ ފުރަތަމަ ހުކުރަށް

މި އަހަރުގެ ޙައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ރޭގައި ފެނުމުން މިއަަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު ނުވަތަ ޢަރަފާތު ދުވަސް ކަމަށެވެ.

އެހެން ކަމުން މިއަންނަ މަހުގެ ފުރަތަމަ ހުކުރު ދުވަހަކީ 1446ވަނަ އަހަރުގެ އަލްހާ އީދެވެ.

ޢީދަކީ މި އަންނަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު، މި ފަހަރުގެ ޢީދު ބަންދާ ގުޅިގެން ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުކުރާނެ ކަމަށް ސަރުކާރުން މިހާރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ދުވަހަށް ވާނީ ކަލަންޑަރުގައި ވާގޮތަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ.

އެހެންވެ، ޢީދަށް ސަރުކާރު ބަންދު ވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ޖެހިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށެވެ. އެއީ، އަންނަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހަށެވެ. އެއީ، ފަސް ދުވަހުގެ ބަންދެކެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން މިހާރު ވަނީ ފުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ދެ ފްލައިޓެއްގެ ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

ހައްޖުގެ އަޅުކަން ޛުލްޙިއްޖާ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ދެމޭނެއެވެ. މިއަހަރު ހައްޖުގެ އަޅުކަން އޮންނާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

871x217_placeholder